ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފްލައިންގ ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އެދިވަޑައިގަންނަވައިފިއެވެ.

އެ މަނިކުފާނު މިކަމަށް އެދިވަޑައިގަންނަވާފައި ވަނީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

‎މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭ.އޭ.އޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި މަތީ ތަޢުލީމާއި ތަމްރީނުގެ އިތުރުން މީހުން ބިނާކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ، އެ މަރުކަޒުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކޯސް އަވަސް ފުރުޞަތެއްގައި ނިންމޭނެ އިންތިޒާމުތައް ހަމަޖެއްސޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

‎މި މައްސަލައާމެދު އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އެ މަރުކަޒުގައި ތަމްރީނު ފުރިހަމަކުރަމުންދާ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އެ ކަމުގައި އެތައް އަހަރެއް ހޭދަކުރަން ޖެހިފައިވާކަމުގެ ޝަކުވާ އިތުރުވެފައިވާ ކަމަށާއި، އެ ކަމުގެ ސަބަބުން އެ ދަރިވަރުން ކުރަންޖެހިފައިވާ ހޭދަ އިތުރުވެގެން ގޮސްފައިވާކަމަށެވެ. އެހެންކަމުން، މިއީ ވީ އެންމެ އަވަސް ފުރުޞަތެއްގައި ހައްލު ބޭނުންވެފައިވާ މުހިންމު މައްސަލައެއްގެ ގޮތުގައި ސިފަކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އެ މަރުކަޒާއެކު މަޝްވަރާކޮށް، އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރެއްވުމަށް ކަމާގުޅޭ އިދާރާތަކުގައި އެދިވަޑައިގަންނަވާފައެވެ.

‎މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަޙުލާގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން