ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެންމަތިކުރީ ސަރުކާރުގެ ތެރެއިން ވެރިކަން ފުރޮޅާލާފާނެތީ ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ރައީސް ޔާމީން ކޮރަޕްޝަނާއި ދެކޮޅުވެގެން ކުރެއްވި ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖުގައި ރައީސް ވިދާޅުވީ މިފަހުން ސަރުކާރެއްގެ ތެރެއިން ފެންމަތިވި ޚިޔާނާތުގެ އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަކަމަށެވެ.

ރައީސް ވިދާޅުވީ، އެ މައްސަލަވެސް ފެންމަތިވީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލައި، ވެރިކަން ގެއްލިދާނެކަމުގެ ބިރު ހީވި ހިސާބުން ކަމަށާއި، އެއީ އެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރި ކަމެއް ނޫން ކަމަށެވެ. އެކަން ކުރީ، ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަންޖެހި މަޅިއެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ކޮރަޕްޝަން އިތުރުކަމަށް ވިދާޅުވާ ބޭފުޅުންނަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، "ޒީރޯ ޓޮލަރެންސް" ކެމްޕެއިން ފެށިފަހުން، ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް އިތުރުވީ ނޫންކަމަށާއި، ވިސްލްބްލޯ ޕޯޓަލް އާއި ވިސްލްބްލޯ ގާނޫނު ވުޖޫދަށް އައިފަހުން، ކޮރަޕްޝަންގެ އަމަލުތައް ހުށަހެޅޭ މިންވަރު، އެތައް ގުނައެއް އިތުރުވެފައިވަނީ، ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ގަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތުމުން ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ، ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުންކަމަށާއި، ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ގާނޫނުން ރައްކާތެރިކަން ހޯދައިދިނުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން