ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެ ޒިޔާރަތްކުރާ އެއްލައްކަ ވަނަ ފަތުވެރިޔާ މާދަމާ ރާއްޖެ އަންނާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން މިއަހަރުގެ މާރޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރ ބަންދު ކުރުމަށްފަހު، ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ސަރުކާރުން އަމާޒު ހިފާފައިވަނީ، މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް އެއް ލައްކަ ފަތުރުވެރިން ގެނައުމަށެވެ. އަދި މި އަހަރު މުޅިޖުމްލަ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ޖުމްލަ ޢަދަދު ފަސްލައްކަ އަށް އެރުވުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

އެކަމާ ގުޅިގެން ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާއަކީ ތާރީޙީ ދުވަހަކަށް ވެގެންދާނެކަމަށެވެ. އެގޮތުން ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަންނަ 1 ލައްކަ ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެ ކަމަށާއި، މިއީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް އެމަނިކުފާން ވިދާޅުވިއެވެ.



ބޯޑަރު ހުޅުވި ޖުލައި މަހު ދުވާލެއްގެ މައްޗަށް އައިސްފައިވަނީ 100 ފަތުރުވެރިންނެވެ.. ނަމަވެސް މިހާރު އެވްރެޖު ގޮތެއްގައި 1،690 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. އަދި އާއްމު ގޮތެއްގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތުވެސް މިހާރު ވަނީ 9.2 ދުވަހަށް ދިގުވެފަ އެވެ. މިމަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 94،543 ފަތުރުވެރިން ވަނީ އައިސްފަ އެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 477،390 އަށް އަރައިފަ އެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް މީގެ ކުރިން ވިދާޅުވެފައި ވަނީ މި އަހަރު ފަތުރުވެރިން ގެންނަން ކަނޑައަޅާފައިވާ ޓާގެޓު ކަމަށްވާ 500،000 ޓޫރިސްޓުން މި އަހަރުގެ 25 ވަނަ ދުވަހު ހަމަވާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން ޖުމްލަ 20،264 ފަތުރުވެރިން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިންނެވެ. އެގައުމުން އައި ފަތުރުވެރިންގެ ޖުމްލަ އަކީ 13،801 އެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސިވިލާތުން ރާއްޖެ އައިސްފައިވަނީ ޖުމްލަ 8،200 ފަތުރުވެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން