ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު
ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު
އައްޑޫ މީހުން ޤައުމަށްޓަކައި ވީ ޤުރުބާނީގެ އަގު ވަޒަންކުރަން ޖެހޭކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

އައްޑޫގައި ހިންގާ ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ކުރެއްވި ޓްވީޓް ތަކެއްގައި ޒަރިޔަންދު ވިދާޅުވީ، 1976ގެ ކުރިން މާލޭ މީހުން ބޭސްކުރަންދަނީ އައްޑޫއަށް ކަމަށެވެ. އަދި އިނގިރޭސިން އައްޑޫއިން ފޭބިއިރު އައްޑުއަށް ދޫކޮށްލާފައި ދިޔަ ބޮޑެތި ޖެނެރޭޓަރުތައް މާލެ ގެނަސް މާލޭ މީހުން 24 ގަޑިއިރު ކަރަންޓު ހޯދިއިރު އައްޑޫ މީހުން ނަށް ކަރަންޓްލިބެނީ ގަޑިބަހައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަރިޔަންދު ވިދާޅުވީ، އެދުވަހު "ޤައުމަށްޓަކައި އައްޑޫމީހުން ވީ ގުރުބާނީއާއި ކެތްތެރިކަމުގެ އަގުވަޒަންކުރަންޖެހޭ" ކަމަށެވެ.

ޒަރިޔަންދު އިތުރަށް ވިދާޅުވީ، އައްޑޫ ފްލައިން ސްކޫލްގެ މަސްލަހަތު ހިމެނޭ ބަޔަކު އެ މައްސަލަ ބަލަންޖެހޭ އޮފީސްތަކުގައި ތިބެ ދަރިވަރުން ނިކަމެތިކުރާއިރު، ޓްރާންސްޕޯރޓް އާއި ހަޔަރ އެޑިޔުކޭޝަންގެ ވަޒީރުން ތިއްބަވަނީ އަތްއުރާލައިގެން ކަމަށެވެ. އަދި އެގޮތަށް ތިއްބަވާނަމަ އެ ހިންގެވެނީ ސަރުކާރާއި އައްޑޫ ރައްޔިތުން ޖެއްސުމުގެ ޢަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ވުޒާރާތަކުގެ ވަޒީރުން ޒިންމާދާރުވުމަށް ޒަރިޔަންދު ވަނީ ގޮވާލައްވާފައެވެ.

އައްޑޫގައި ހިންގާ ފްލައިން ސްކޫލްގެ މައްސަލަ ބޮއްސުންލައި އެ ސްކޫލްގެ މައްސަލަ ޙައްލު ކުރުމަށް ކަމާގުޅުންހުރި ވުޒާރާތައް ނުކުޅެދުމުން، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވަނީ އެ މައްސަލަ ޙައްލު ކުރެއްވުމަށް އިއްޔެ އައްޑުއަށް ވަޑައިގެން އެ ސްކޫލްގައި ކިޔަވާ ދަރިިވަރުންނާއި ބައްދަލު ކުރަށްވާފައެވެ.



ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި އެ ދަރިވަރުންނާއެކު އިއްޔެ ހަވީރު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އައްޑޫ ފްލައިންގ ސްކޫލްގެ ދަރިވަރުން ވަނީ އެ ކުދިންނަށް ދިމާވާ ދަތިތަކުގެ މަޢުލޫމާތު ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރައްވާފައެވެ. އެ ގޮތުން، އެ ކުދިން ވަނީ ސްކޫލްގެ ފީ އެމެރިކާ ޑޮލަރުން ދައްކަން ޖެހުމުން ދިމާވާ ދަތިތަކާއި، ފްލައިންގ ސްކޫލުން އެ ކުދިންނާ މެދު ޢަމަލުކުރަމުންދާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އެ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމުގައެވެ. އަދި، އެ މަނިކުފާނު ވަނީ ސަރުކާރުގެ ފަރާތުން ފްލައިން ސްކޫލްގެ ދަރިވަރުންނަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ބައްލަވައިދެއްވުމަށް ފިނޭންސް މިނިސްޓަރުގެ އަރިހުން އެދިވަޑައިގަންނަވާފައެވެ. މީގެ ތެރޭގައި އެ ދަރިވަރުންނަށް އެމެރިކާ ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ފީ ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމަކީ ކޮބައިކަން ބެއްލެވުން ހިމެނެއެވެ.

އޭޝިއަން އެކަޑަމީ އެއިރޮނޯޓިކްސް އިން ހިންގާ އައްޑޫ ފްލައިންގ ސްކޫލް ދަރިވަރުންގެ ޝަކުވާތަކުގެ ތެރޭގައި ދަރިވަރުންތަކެއް ކަނޑާލުމާއި، ދަރިވަރުން ފްލައިން އަވާސް ހަމަކުރަން އެކަށީގެންވާ ފުރުސަތު ނުލިބޭ މައްސަލަތައް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެހެން މުއައްސަސާތަކުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އައްޑޫ ފްލައިން ސްކޫލްގެ ގިނަ މައްސަލަތަކެއް ދަރިވަރުން ފެންމަތިކުރަމުން އަންނަތާ މިހާރު އެތައް ދުވަހެއް ވެފައި ވީ ނަމަވެސް އެކަމަށް ހައްލެއް ނުލިބެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންވަނީ ފްލައިން ސްކޫލްގައި ހުރި މައްސަލަތައް ހައްލުނުކޮށް އިތުރު ދަރިވަރުން ނެގުން މަޑުޖައްސާލަން ފްލައިން ސްކޫލަށް އަންގާފައެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބެލެނިވެރި ވުޒާރާ ކަމުގައިވާ ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ މައްސަލަތައް ހައްލުނުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން