ރައީސް މައުމޫން
ރައީސް މައުމޫން
ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ރާއްޖޭގައި ވަޅުލުމާމެދު ސަރުކާރުން ގެންގުޅޭ ވިސްނުމާ ދެކޮޅަށް ކުރީގެ ބަންޑާރަނާއިބު ޑރ މުހައްމަދު މުނައްވަރު ކުރެއްވި ޓްވީޓަކަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ލީޑަރ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ތާއީދު ކުރަށްވައިފިއެވެ.

ޤައުމުގެ އިސްތިޤްލާލާއި، ޤައުމިއްޔަތުގެ ވާހަކަ ތަކުރާރުކޮށް ދައްކަވާ ރައީސް މައުމޫން މިއަދު ވަނީ ރާއްޖެއަކީ ރިޕަބްލިކް އޮފް ގަބުރުސްތާނު ކަމަށް ސިފަކުރަށްވައި ކުރީގެ ބަންޑާރަނާއިބު މުޙައްމަދު މުނައްވަރު ކުރެއްވި ޓްވީޓަކަށް ތާޢީދު ކުރަށްވައި އެއީ ވަރަށް ރަނގަޅު ވާހަކަފުޅެއް ކަމަށް ވިދާޅުވެފައެވެ.

ސްރީ ލަންކާގައި ކޯވިޑް ޖެހިގެން ނިޔާވާ މުސްލިމުން ވަޅުލުމަށް ރާއްޖެ ގެނައުމަށް ކުރާ މަސައްކަތަށް އިޝާރާތް ކުރަށްވައި، ޑރ. މުނައްވަރުގެ ޓްވީޓްގައި ވިދާޅުވީ، "ދި އިސްލާމިކް ރިޕަބްލިކް އޮފް ގަބުރުސްތާން" ކަމަށެވެ. ޖަވާބުގައި ރައީސް މައުމޫން ވިދާޅުވީ، "ވެލް ސެއިޑް ޑރ. މުނައްވަރު" ނުވަތަ މުނައްވަރު ވިދާޅުވީ ރަނގަޅު ވާހަކައެއް ކަމަށެވެ.



ރާއްޖޭގައި 30 އަހަރު ވެރިކަން ކުރަށްވާފައި ހުންނެވި، އަދި ޤައުމިއްޔަތާއި، ވަޙްދަތުގެ ވާހަކަ ތަކުރާރުކޮށް ދައްކަވާ ރައީސް މައުމޫން ފަދަ ބޭފުޅަކު މިފަދަ ޓްވީޓެއް ކުރަށްވައި، ޑރ. މުނައްވަރުގެ ވާހަކަފުޅަށް ހިތްވަރުދެއްވުމަކީ ޤައުމިއްޔަތުގެ އަގު ވައްޓާލައި ޤައުމުގެ ވަޙްދަތަށް ކުރެއްވި މަލާމާތެއް ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

ލަންކާގައި މަރުވާ މުސްލިމުން ވަޅުލުމަށް ރާއްޖެ އަށް ގެނައުމަށް ލަންކާ ސަރުކާރުން ހުށައެޅި ހުށައެޅުމަށް ދިވެހި ސަރުކާރުން މަޝްވަރާކުރަން ފެށުމުން ރައީސް މައުމޫން ވަނީ އެކަމާމެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާކަން ހާމަކުރަށްވާފައެވެ. މައުމޫން ވިދާޅުވީ، ޝްރީލަންކާގައި ކޯވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައި ދިނުމުގެ ބަދަލުގައި އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫޙުގައި އެމީހުންގެ ހަށިތައް އަންދާނުލުމަށް ޝްރީލަންކާ ސަރުކާރުގައި ދެންނެވުން މާރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ރައީސް މައުމޫންގެ މި ވިސްނުންފުޅާ ރާއްޖޭގެ ގިނަ ޝެއިޚުންނާއި، އިސްލާމިކް މިނިސްޓަރުވެސް ދެކޮޅެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން