މާލެ އަތޮޅު މާފުށީ ގެސްޓްހައުސްއެއްގައި ބަހައްޓާފައި ހުރި ކްރިސްޓްމަސް ޓްރީއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އާދިލް ސަލީމް ވަރަށްބޮޑަށް ކޯފާވެ ފުލުހުންނަށް ފާޑުވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ލޯކަލް ޓުއަރިޒަމް ހިންގަމުން އަންނަ މާފުށީގައި ހިނގާދިޔަ ހާދިސާއާއި ގުޅޭގޮތުން ފުލުހުން ބުނީ ރޭ 20:30 ހާއިރު އެރަށުގައި ހިންގަމުން އަންނަ ގެސްޓްހައުސްއެއް ކައިރީގައި ކްރިސްޓްމަސް ގަހެއް ބަހައްޓާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. މިއީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނާއި ފުށުއަރާކަމެއް ކަމަށްވާތީ، ކޯޓް އަމަުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް އެގަސް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ކޮށްފައިވާ ޓްވީޓެއްގައި އާދިލް ވިދާޅުވީ، ސަލަފީ ފުލުހުން ގެސްޓްހައުސްތަކާއި ހޮޓާތަކުގެ ޒީނަތްތެރިކަމަށް ބަހައްޓާފައިވާ ބައެއް ތަކެތި ގެންގޮސްފައިވާ ކަމަށެވެ. އަދި ކްރިސްޓްމަސް އާއި، އާއަހަރު ފާހަގަ ކުރުމަކީ މިހާރު ރާއްޖޭގައި މަނާކަމެއްކަމަށް ފުލުހުންގެ އެޢަމަލުން ހާމަވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެކަން ޢާއްމުންނަށް މީގެ ކުރިން ނޭނގި އޮތީ ކީއްވެތޯ އާދިލް ސަލީމް ވަނީ ރައީސް ޞާލިޙް ޓެގްކުރަށްވައި ސުވާލު ކުރަށްވާފައެވެ.

އާދިލް އިތުރަށް ވަނީ ރާއްޖޭގެ ރިސޯޓުތަކާއި، ގެސްޓްހައުސް ތަކުގައިވެސް ހިންގަނީ އެއް ވިޔަފާރިއެއް ކަމަށް ވިދާޅުވެ ވިޔަފާރީގެ ފުރުސަތު ދިނުމުގައި އެންމެން ހަމަހަމަ ކުރުމަށް ގޮވާލައްވާފައެވެ. އަދި ރިސޯޓް ތަކުގައި ވަޒީފާތަކުގައި އުޅެނީ މުސްލިމް ދިވެހިން ކަމަށާއި، ރަށްރަށުގައިވެސް ދިރިއުޅެނީ މުސްލިމް ރައްޔިތުންކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.



އެހެންކަމުން ރަށްރަށް ކްރިސްޓްމަސް އާއި ނިއު އިޔަރ އަށް ޒީނަތްތެރި ނުކުރެވޭނަމަ ރިސޯޓުތައްވެސް އެ ދުވަސްތަކަށް ޒީނަތްތެރި ކުރެވިގެން ނުވާނެ ކަމަށް އާދިލް ވިދާޅުވިއެވެ.

މާފުށީގައި ހިނގާދިޔަ މި ހާދިސާއާއި ގުޅިގެން ރާއްޖޭގެ އިސްލާމް ދީނުގެ ޢިލްމުވެރިން ގެންދަނީ އިސްލާމީ މިންގަނޑުގެ ތެރެއިން ވިޔަފާރިކޮށް ނަފާހޯދުމަށް ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ނަސޭޙަތްތެރި ވަމުންނެވެ.

އާންމުން ދިރިއުޅޭ ރަށެއްގައި ހިންގާ ގެސްޓް ހައުސްއެއްގައި ކްރިސްމަސް ފާހަގަ ކުރަން ޒީނަތްތެރިކޮށް އަދި ކްރިސްމަސް ފާހަގަ ކުރެވޭން ޖެހޭނެ ކަމަށް ކުރިން ވަޒީރުކަން ވެސް ކުރަށްވާފައިވާ އާދިލް ސަލީމް ވިދާޅުވާއިރު ރިސޯޓްތައް ހިންގުމުގެ ގަވާޢިދާއި އުސޫލުތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ހޮޓާތަކުގައި އަމަލު ކުރަން ޖެހޭ ގަވާއިދު ތަކާއި އުސޫލުތައް އެއްގޮތް ނޫންކަން އާދިލް ސަލީމަށް އެނގިވަޑައި ނުގެންނެވުމުން އޭނާއަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ބައެއް މީހުން ބުނެފައި ވަނީ ރިސޯޓް ތަކުގައި ބަނގުރާ ވިއްކަން ހުއްދަ އޮތަސް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތަކުގައި ބަނގުރާ ވިއްކުމަކީ ވެސް މަނާ ކަމެއްކަން އާދިލަށް އެނގިވަޑައި ނުގެންނެވުމާއި އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އިސްލާމްދީނާއި ފުށުއަރާ ނޫނީ ޚިލާފު ކަންކަން ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަން އާދިލަށް އެނގިވަޑައި ނުގެންނެވުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑު ކިޔާފައެވެ.



ކިޔުންތެރިންގެ ހިޔާލު