ސަސްޕެންޑް ކޮށްފައިވާ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް
ސަސްޕެންޑް ކޮށްފައިވާ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް
ސަސްޕެންޑް ކޮށްފައިވާ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކޮށް، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިއްޖެއެވެ.

އޭސީސީން ފުލުހުންނަށް ފޮނުވާފައިވާ މައްސަލާގައިވަނީ ޝަޒައިލް ޝިޔާމްގެ އާއިލީ މަސްލަހަތު ހިމެނޭ ކުންފުންޏެއްގެ ބޭންކް އެކައުންޓް ދިރާސާކުރި އިރު، އެކުންފުނީގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ބޮޑެތި ޢަދަދުތަކުން ފައިސާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ކުންފުނީގެ އެކައުންޓުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހައިޝަމް އަލީ ކިޔާ ފަރާތަކަށް ފޮނުވާފައިވާ ފައިސާއަކީ ޝަޒައިލްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކުން އެ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޝަޒައިލްގެ ކޮއްކޮގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމަށްފަހު އެ އެކައުންޓުން ކުންފުނީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭސީސީން ބުނެފައިވަނީ، މިކަމުގައި މަނީ ލޯންޑަރިންއަށް ބާރުދޭ ލޭޔަރިން ޕްރޮސެސިން އެއްވާކަމަށް ތަހުގީގަށް ބެލެވޭ ކަމަށާއި، މޯލްޑިވް ގޭސް އަށް ހޯދާފައިވާ މުދާ، ހިދުމަތްތަކާ ގުޅިގެން ޝަޒައިލް ނަގާ ކޮމިޝަން ޝަޒައިލްގެ އާއިލީ މަސްލަހަތު އޭރު ހިމެނޭ ކުންފުންޏަކަށް ޖަމާކޮށްފައިވާކަމަށް ސޯޝަލް މީޑިއާގައި ތުހުމަތު ކޮށްފައިވާއިރު އެކަމަށް ބާރުދޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ މަނީ ލޯންޑަރިން އަށް ތުހުމަތު ކުރެވޭ މައްސަލައެއްކަމަށް ބެލެވޭތީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލުކަމަށް އެކަން ގެނައުމުން ކޯޓު އަމުރެއްގެ ދަށުން ތަހުގީގަށް ހޯދި ޝަޒައިލްގެ ފޯނުގެ ފޮރެންސިކް ތަހުލީލުތަކުން އެ ފޯނުގައިވާ މަޢުލޫމާތުތައް ނުލިބޭ ގޮތަށް ރީސެޓްކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މޯލްޑިވް ގޭހަށް ގެންނަ އެލްޕީޖީ ޝިޕްމަންޓްތަކުން ޝަޒައިލް ޝިޔާމް ރިޝްވަތު ނަގާފައިވާކަން ސާބިތު ކޮށްދޭން ބޭނުންވާ ހެއްކާއި ގަރީނާ ތަހުގީގަށް ނުލިބުނީ އެހެންވެގެން ކަމަށާއި، އޭގެ އިތުރުން ޝަޒައިލްގެ ފޯނުން ޑޭޓާ އެކްސްޓްރެކްޓްކޮށް ދިރާސާ ކުރުމަށްފަހު މޯލްޑިވްސް ޕޮލިސް ސާވިސްގެ ފޮރެންސިކް ސާވިސަސް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ފޮރެންސިކް ރިޕޯޓްގައި ފޯނުގެ އިނިޝިއަލް ސެޓަޕް ހަދާ ފޯނު ބޭނުން ކުރަން ފަށާފައިވަނީ 30 ޖުލައި 2020 ގައި ދެނެގަނެވިފައިވާ ކަމަށާއި، ތަހުގީގު ބޭނުމަށް ފޯނު ހިފަހައްޓަން އުޅޭ ކަމުގެ މައުލޫމާތު ޝަޒައިލްއަށް ކޮންމެ ވެސް ފަރާތަކުން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް މި ލިޔުމުގައި ވެ އެވެ.

ޝަޒާއިލްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާއެކު އޭނާ ސަސްޕެންޑް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ 16 ވަނަ ދުވަހުއެވެ. އެނގިފައިވާ ގޮތުގައި ޝަޒާއިލް މަގާމުން ސަސްޕެންޑްކޮށްފައިވަނީ ކޮރަޕްޝަންގެ މައްސަލަ ރިޕޯޓް ކުރުމަށް ސަރުކާރުން ހުޅުވާލާފައިވާ އޮންލައިން ޕްލެޓް ފޯމަށް ލިބިފައިވާ ސީރިއަސް ޝަކުވާތަކަކާ ގުޅިގެންނެވެ.

ޝަޒާއިލް، މޯލްޑިވް ގޭހުގެ އެމްޑީގެ މަގާމަށް އައްޔަނު ކުރީ، 2019 ވަނަ އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހު މައުމޫން ރިފޯމް މޫވްމެންޓްގެ ސްލޮޓެއްގައެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޫއްޑޫ ފިޝަރީޒްގެ ޗެއާމަން ކަމާއި ފިޝަރީޒް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަންވެސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން