ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
މިއަދު މި ފެށުނު މީލާދީ ސަނަތުން 2021 ވަނަ އަހަރާ ސަރުކާރުން މި ކުރިމަތިލަނީ ޤައުމު އަލުން އާރާސްތުކުރުމުގެ ވަރަށް މަތިވެރި ޢަޒުމަކާއި އިތުރު ހިތްވަރަކާ އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މި ފެށުނު 2021 ވަނަ އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި، އައު އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައި ވެއެވެ.

ރައީސް ވިދާޅުވީ، ފާއިތުވި 2020 ވަނަ އަހަރަކީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ޤައުމު ފުރަބަންދުކުރަން ޖެހި، އަދި އިޤްތިޞާދީ ގޮތުން ނާޒުކު ދަނޑިވަޅަކާ ކުރިމަތިކުރުވި އަހަރެއް ކަމަށެވެ. އަދި 2020 ވަނަ އަހަރަކީ އަސާސީ ޚިދުމަތްތައް ފުރިހަމަނުކުރެވި، ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަންޖެހުނު އަދި، އެތަކެއް ޙައްޤުތަކެއް ގެންލިގެންދިޔަ އަހަރެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ 2020 ވަނަ އަހަރަކީ ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އަމާޒު ހިފަންވީ މިސްރާބު ސާފުވެގެންދިޔަ އަހަރެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ފެށުނު އައު އަހަރާ ސަރުކާރުން މި ކުރިމަތިލަނީ އަސާސީ ޚިދުމަތްތައް ލާމަރުކަޒުކުރުމުގެ މަސައްކަތް، އެތައް ގުނައެއް ހަލުވިކުރުމުގެ ޢަޒުމާ އެކުގައި ކަމަށެވެ. އަދި، އިޤްތިޞާދީ ގޮތުން ފަތުރުވެރިކަމަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތް ފުޅާކޮށް، އިޤްތިޞާދު ސިންދަފާތު ކުރުމުގެ އަމާޒާ އެކުގައި ކަމަށެވެ. މީގެ އިތުރުން، ތަރައްޤީގެ މަޝްރޫޢުތައް ތިމާވެއްޓާ އެއްކީލިކޮށް، އިޖްތިމާޢީ މައްސަލަތައް ވެސް ޙައްލު ކުރެވި، ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދިނުމުގެ ޢަޒުމާއި ވެސް އެކުގައި ކަމަށެވެ.

މީގެ އިތުރުން، އިޤްތިޞާދު އާރާސްތުކޮށް، މުޖުތަމަޢަށް ކުރިމަތިވެފައިވާ އެކިއެކި އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ ބުރަ މަސައްކަތުގައި ޢާއިލީ އަދި ފަރުދީ ފެންވަރުގައި ބައިވެރިވެ، އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވެދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި، އާމްދަނީ އިތުރުކުރުމާއި، އިޤްތިޞާދީ ދުވެލި ހަލުވިކުރުމުގައި މުޅި ޤައުމު އެކުގައި އެއް ޢަޒުމެއްގައި ގަދައަޅައި މަސައްކަތް ކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވައިލެއްވީ މި ފެށުނު އައު އަހަރަކީ ހުރިހާ ގޮތަކުން ވެސް ދިވެހިންނަށާއި، ދިވެހިރާއްޖެއަށް ކުރިއެރުމާއި ތަރައްޤީ ޙާޞިލްވާނެ އަހަރެއް ކަމުގައި ލައްވައި، އިޤްތިޞާދު ކޮޅަށް ޖަހައި، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބަރަކާތް ލައްވައި، ކާމިޔާބީ މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޅަައިރު ކަރުކަހާތަ

02-Jan-2021

މަކަރާ ހީލަތުން . ކިހާދުވަަކު އުޅޭނެބާ


6

ޅަައިރު ކަރުކަހާތަ

02-Jan-2021

މަކަރާ ހީލަތުން . ކިހާދުވަަކު އުޅޭނެބާ



ޓްރެންޑިން