ރާއްޖެއަށް ޒިޔާރަތްކުރި ފަސްލައްކަ ވަނަ ފަތުރުވެރިޔާ
ރާއްޖެއަށް ޒިޔާރަތްކުރި ފަސްލައްކަ ވަނަ ފަތުރުވެރިޔާ
2020 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 554،800 ފަތުރުވެރިން ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރުގެ މާޗު 27 ގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ތިން މަހަށްވުރެ ދިގު އިންތިޒާރަކަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު އެވެ. އަދި އެދުވަހު ހެނދުނު 8:27 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަތަރު އެއާވޭސްގެ ފްލައިޓު ޖެއްސުމާއެކު ހުއްޓިފައި އޮތް ފަތުރުވެރިކަމުގެ ސިނާއަތް އަލުން ފެށިގެން ދިޔައެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ސަރުކާރުން އަމާޒުހިފީ ރާއްޖެއަށް އެއްލައްކަ ފަތުރުވެރިން ގެނައުމަށެވެ. އަދި އަހަރު ނިމުމުގެ ކުރިން ފަސްލައްކަ ފަތުރުވެރިން ގެނައުމަށްވެސް ސަރުކާރުން އަމާޒު ކަނޑައަޅާފައިވެއެވެ. ނަމަވެސް ސަރުކާރުގެ އަމާޒަށްވުރެ ރަނގަޅު ނަތީޖާއެއް ފަތުރުވެރިކަމުގެ ދާއިރާއިން މިއަހަރު ވަނީ ޙާސިލްކޮށްފައެވެ. އެގޮތުން ރާއްޖެ އަށް ޒިޔާރަތްކުރި ފަސް ލައްކަވަނަ ފަތުރުވެރިޔާ އަކީ ޖަރުމަނުވިލާތުން ރާއްޖެ ޒިޔާރަތްކުރި ކިއަރސްޓަން މެޑަލިން ނިޓްކަ ކިޔާ އަންހެނެކެވެ. އެމިރޭޓްސްގެ ފްލައިޓެއްގައި އޭނާ ޑިސެމްބަރު 17 ވަނަ ދުވަހު ރާއްޖެ އަށް އައީ ހެނދުނު 11:05 ހާއިރުއެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވީ، މިދިޔަ 2020 ވަނަ އަހަރު ރާއްޖެއަށް 554800 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެން ގުޅިގެން މިސާލު ދައްކާފައިވާ ކަމަށް މައުސޫމް ވަނީ ވިދާޅުވެފައެވެ.



ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ޓޫރިސްޓުން މިދިޔަ އަހަރު އައިސްފައިވަނީ ރަޝިއާ އާއި އިންޑިއާ އަދި ޔޫކޭ، އެމެރިކާގެ އިތުރުން ޖަރުމަނުންނެވެ. އަހަރު ނިމުނު އިރު 26 އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރަން ފަށާފައި ވެއެވެ. ސަރުކާރުން ލަފާކޮށްފައިވަނީ، އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށެވެ. މީގެއިތުރުން އަންނަ އަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެމަސައްކަތްތަކާއެކު ފަތުރުވެރިކަމާ ގުޅޭ ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއްވެސް ރާއްޖެއަށް ދަނީ ލިބެމުންނެވެ. އެގޮތުން ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން"ގެ އެވޯޑާއި، ސައުތު އެޝިއަން ޓްރެވަލް އެވޯޑްސްގެ 19 އެވޯޑެއް ވަނީ ރާއްޖެއަށް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން