މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތު
މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތު
2021 ވަނަ އަހަރަކީ ފަތުރުވެރިކަމުގައި އުންމީދީ އަހަރެއް ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރުގެ މާޗު 27 ގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ތިން މަހަށްވުރެ ދިގު އިންތިޒާރަކަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު އެވެ. އަދި އެދުވަހު ހެނދުނު 8:27 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަތަރު އެއާވޭސްގެ ފްލައިޓު ޖެއްސުމާއެކު ހުއްޓިފައި އޮތް ފަތުރުވެރިކަމުގެ ސިނާއަތް އަލުން ފެށިގެން ދިޔައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް 26 އެއާލައިނަކުން ދަތުރު ކުރަން ފަށާފައި ވާއިރު، ސަރުކާރުން ލަފާކޮށްފައިވަނީ، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ. މިއަހަރު ރާއްޖެ އައި ފުރަތަމަ ޓޫރިސްޓަކީ ޖަރުމަނުވިލާތަށް ނިސްބަތްވާ ޔޯޚެން ޕޯލް ކާކް އެވެ. އޭނާ ރާއްޖެ އައީ އަނބިމީހާ އާއި ދަރިފުޅާ އެކުއެވެ.

މިއަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރަމުން އަންނަ އެވްރެޖް ޢަދަދަށް އިޝާރާތްކޮށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، 2021 ވަނަ އަހަރު ފެންނަނީ އުންމީދީ އަހަރެއްގެ ގޮތުގައި ކަމަށެވެ. އަދި މިއަހަރުގެ ފުރަތަމަ 3 ދުވަހު ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 3456 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.



ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވަނީ، މިއަހަރުގެ ފުރަތަމަ ދުވަހު ރާއްޖެއަށް ޒިޔާރަތްކުރީ 2005 ފަތުރުވެރިން ކަމަށެވެ. ދެވަނަ ދުވަހު 4160 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، އިއްޔެ ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 4195 ފަތުރުވެރިންނެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް 2020 ވަނަ އަހަރުގެ މާރޗު މަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވި ފަދަ "އިކޮނޮމިކް ބޫމް" އެއް އައިސް މިދިޔަ އަހަރުގެ ފަހުކޮޅު ވެގެން ދިޔައީ ރާއްޖޭގެ ރިސޯޓުތައް ފުރާލައި، ފަތުރުވެރިކަން މެކުހަށް ޖަހާލި ދުވަސްވަރަކަށެވެ. ރާއްޖޭގެ ބޯޑަރ ހުޅުވާލިފަހުން 2020 ވަނަ އަހަރު ރާއްޖެއަށް 172366 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ޑިސެމްބަރު މަހު އެކަނިވެސް ރާއްޖެއަށް 96225 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 2020 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ ޖުމްލަ 555231 ފަތުރުވެރިންނެވެ. މިއީ ސަރުކާރުން ލަފާކުރި މިންވަރަށް ވުރެވެސް އިތުރު ޢަދަދެކެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެމަސައްކަތްތަކާއެކު ފަތުރުވެރިކަމާ ގުޅޭ ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއްވެސް ރާއްޖެއަށް ދަނީ ލިބެމުންނެވެ. އެގޮތުން 2020 ވަނަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން"ގެ އެވޯޑާއި، ސައުތު އެޝިއަން ޓްރެވަލް އެވޯޑްސްގެ 19 އެވޯޑެއް ވަނީ ރާއްޖެއަށް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން