އަތުލައިގަތް މަސްތުވާތަކެތި
އަތުލައިގަތް މަސްތުވާތަކެތި
ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ގދ. ގައްދޫ ކޯޓުން ބޭރުކޮށްލައިފިއެވެ.

މީގެ ކުރިން ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ކްރިމިނަލް ކޯޓަށްވެސް ހުށައަޅާފައެވެ. ނަމަވެސް އެ މައްސަލަ ބެލުމުގެ އިހްތިޞާސް ކުރިމިނަލް ކޯޓަށް ނެތް ކަމަށާއި، އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށް ހިނގާފައިވާ ސަރަހައްދުގެ ކޯޓަށް ކަމަށް ކުރިމިނަލް ކޯޓުން ނިންމައި އެކޯޓުން އެމައްސަލަ ބޭރުކޮށްލިއެވެ.

ޕީޖީ އޮފީހުން މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅީ، ގދ. ހުޅުވާރުލުގެ އިހްތިޞާސް ހިމެނޭ ސަރަހައްދަކީ ގދ. ގައްދޫ ކަމަށްވާތީއެވެ. ނަމަވެސް އެ ކޯޓުން ވެސް ވަނީ މައްސަލަ ބޭރުކޮށްލާފައެވެ.

ގައްދޫ ކޯޓުން މައްސަލަ ބޭރުކޮށްލީ ދައުވާ އުފުލުމުގެ މުއްދަތު ހަމަވި ފަހުން މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވާތީއެވެ. އަދި ކުރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުމުން ގައްދޫ ކޯޓަށް މައްސަލަ ހުށަހަޅަން ވާނީ އެ ނިންމުން އިސްތިއުނާފު ކުރުމަށްފަހު ކަމަށް ވެސް ގައްދޫ ކޯޓުގެ ނިންމުމުގައިވެއެވެ. ހަމަ އެއާއެކު މައްސަލާގައި ހިމެނޭ ބައެއް މީހުން ހައްޔަރުކުރުމުގައި ފުލުހުން އިޖުރާޢަތާ ޚިލާފަށް ކޯޓު އަމުރާ ނުލައި މީހުން ހައްޔަރުކޮށްފައިވާކަންވެސް ގައްދޫ ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލާގައި ޕީޖީން ބުނެފައިވަނީ، ގދ. ހުޅުވާރުލުން ފެނުނު މަސްތުވާތަކެތި ލޯންޗަކުން ގެނެސް ޑިންގީއެއްގައި ފަޅު ރަށަށް ބާލައި، އެ ރަށުގައި މަސްތުވާތަކެތި ވަޅުލާފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށް ހިންގި ތަހުގީގަށްފަހު ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ.

އެ މައްސަލާގައި ދަޢުވާ އުފުލާފައިވަނީ، ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލް (34)، ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު (35)، ގއ. ނިލަންދޫ، ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދު (23) އެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވާއިރު، އެކެއްގެ މައްޗަށް ކޮށްފައި ވަނީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ހުލުވާރުލުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އޮޕިއޭޓްސް އާއި ކެނަބިސްއެެވެ. އެއީ އަޅާފައި ހުރި ޕެކެޓުތަކާ ނުލައި، 96.36 ކިލޯގެ އޮޕިއޭޓްސް އާއި 47.27 ކިލޯގެ ކެނަބިސްއެވެ. އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން