ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު
ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު
ތަޙުޤީޤީ ބޭނުމަށް މާލެ ގެންނަ ޒުވާނުން މާލެތެރެއަށް ދޫކޮށްލަނީ މާލޭ ރައްޔިތުންނަށް އުނދަގޫ ޖައްސަން ކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

މާލޭގައި ވައްކަމާއި ފޭރުން އިތުރުވެ، މަގުމަތީގައި ކައިބޮއެ ނިދާ އުޅޭ މީހުންގެ ޢަދަދު ފަހަކަށް އައިސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި އެގޮތަށް އުޅޭ ބައެއް މީހުން ސަލާން ޖެހުމަށް މީހުން ގިނައިން އެއްވާ ސަރަޙައްދު ތަކުގައިވެސް ޙަރަކާތެރިވެއެވެ. އެފަދަ ގިނަ މީހުންނަކީ ތަންފީޒީ އިދާރާތަކުގެ ބޭނުމަށް މާލެ ގެނައުމަށްފަހު މާލެތެރެއަށް ދޫކޮށްލުމުން އަނބުރާ ރަށަށް ދެވޭނެ ގޮތެއް ނެތިފައިތިބި މީހުން ކަމަށް އެފަދަ ބައެއް މީހުން ބުނެއެވެ.

ޒަރިޔަންދު މިރޭ ވިދާޅުވީ، މާލޭގައި ފޭރުމާއި ވައްކަން އިތުރުވަނީ، ކޯޓުތަކަށާއި ތަޙްޤީޤީބޭނުމަށް އެކިރަށްރަށުން މާލެގެނެވޭ ޒުވާނުން އެ މައްސަލައެއް ނިމުމަށްފަހު މާލެތެރެޔަށް ދޫކޮށްލާތީ ކަމަށެވެ.

"ބަސްނޭހުމުގެ ޢަމަލުތަކާއި ގުޅިގެން ކޯޓުތަކަށާއި ތަޙްޤީޤީބޭނުމަށް އެކިރަށްރަށުން މާލެގެނެވޭ ޒުވާނުން އެ މައްސަލައެއް ނިމުމަށްފަހު މާލެތެރެޔަށް ދޫކޮށްލުމަކީ، ފޭރުމާއި ވައްކަމުގެ އިތުރު ބަލާވެރިކަމެއް މާލޭގައި ދިރިއުޅޭ މީހުނަށް ކުރިމަތި ކުރުވުން." ޒަރިޔަންދު ވިދާޅުވިއެވެ.



މާލޭގައި ހާލުގައި ޖެހި މަގުތަކަށް ގިނަވެފައި ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުންނެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ޑްރަގް ފަރުވާއަށް ކަމަށް ބުނެ އެ ޒުވާނުން ގެނަސް މާލެ ތެރެއަށް ދޫކޮށްލަނީ ސަރުކާރުން ކަމަށް އެފަދަ ގިނަ ޒުވާނުން ބުނެއެވެ. އަދި ޚާއްސަކޮށް ޑްރަގް ކޯޓަށާއި ޑްރަގްގެ ފަރުވާއަށް މާލެ ގެނެސް ޒުވާނުން ދޫކޮށްލުމުން އެ ޒުވާނުން މަގުމަތިވަނީ ކަމަށް އެމީހުން ބުނެއެވެ.

މީގެ ކުރިން "ރަސް އޮންލައިން" ގެ ނިއުސް ޓީމުން ހެދި ދިރާސާ ރިޕޯޓެއްގައި މާލޭ މާރުކޭޓް ގޮޅިތަކުގައި ނިދާ މިފަދަ ބައެއް ޒުވާނުންގެ މައްސަލަތަކެއް ވަނީ ފާހަގަވެފައެވެ. އެތަނުގައި ގޮޅިއެއްގައި އާންމުކޮށް ނިދާ ޅ. ނައިފަރަށް ނިސްބަތްވާ ޒުވާނަކު ބުނީ، އޭނާ މާލެ އައީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދަން ކަމަށާއި، އާއިލާގެ އެހީތެރިކަމެއް ވެސް ނުލިބި ވަންނާނެ ތަނެއް ނެތި މަގުމަތިވެ ހާލުގައި ޖެހިފައިވާ ކަމަށެވެ. އަދި ފަރުވާ އަށް ދާން ބޭނުންވެގެން އެތައް ފަހަރަކު ނަންނޯޓް ކޮށްގެން މިހާތަނަށް އަލިމަގެއް ނުފެނި އެ ޒުވާނާ ހުރީ މާޔޫސްވެފައެވެ. އެގޮތުން ފަރުވާ އަށް މާލެ ގެނެސް އެތައް މަހެއް ވާއިރުވެސް ޚަބަރެއް ނުވާ ކަމަށް އެ ޒުވާނާ ރަސްއޮންލައިނަށް ކިޔައިދިނެވެ.

ނަމަވެސް އޭގެފަހުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ އެމައްސަލަ ހައްލު ކުރަން މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ.

މުޖުތަމައުގެ ތެރެއަށް ދޫވެފައިވާ މިފަދަ ޒުވާނުންގެ ސަބަބުން އިތުރު ކުށްތަކަށް އަރައިގަންނަ މިންވަރުވެސް އިތުރުވެ އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ވަނީ އުފެދެން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން