ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
އެމެރިކާގެ އައު ރައީސް އާއި، ނައިބު ރައީސް އަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ޖޯ ބައިޑަން އަދި އެމެރިކާގެ 49 ވަނަ ނައިބު ރައީސް އަދި ފުރަތަމަ އަންހެން ނައިބު ރައީސްގެ ގޮތުގައި އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ކަމާލާ ހެރިސް މިއަދު ވަނީ ހުވައިކުރައްވާފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސް ޞާލީޙް ވަނީ އެ ދެބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ރާއްޖެއާއި އެމެރިކާއާއި ދެމެދުގައި އޮތީ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމެއް ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ އެމެރިކާގެ އައު ޒަޢާމަތުގެ ދަށުންވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.



އެމެރިކާގެ 46ވަނަ ރައީސްގެ ގޮތުގައި އެޤައުމުގެ ވެރިކަމަށް އިންތިޚާބު ވެވަޑައިގެންނެވި 78 އަހަރުގެ ޖޯ ބައިޑަން މަޤާމުގެ ހުވައި ކުރައްވާފައި ވަނީ މިރޭގެ ވަގުތެއްގައެވެ. އެމަނިކުފާނު އެމެރިކާގެ ރައީސްކަމުގެ ހުވައި ކުރައްވައިފައިވަނީ ވެރިރަށް ވޮޝިންޓަންގައި ހުންނަ ކެޕިޓޮލް އިމާރާތުގައި މިރޭ ކުރިއަށްދާ ރަސްމިއްޔާތެއްގައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް ޑޮނަލްޑް ޓްރަންޕާ ވާދަކުރައްވައި ބައިޑަންވަނީ ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދަވާފައެވެ. އެ އިންތިޚާބުގައި ބައިޑަން ހޯއްދެވި 81 މިލިއަން ވޯޓަކީ އެމެރިކާގެ ތާރީޚުގައިވެސް ރިޔާސީ އިންތިޚާބެއްގައި ކެނޑިޑޭޓަކު ހޯއްދެވި އެންމެ ގިނަ ޢަދަދެއްގެ ވޯޓެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި އެމެރިކާގެ ނައިބު ރައީސްގެ މަޤާމުވެސް ފުރުއްވާފައިވާ ބައިޑަން ވަނީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ޔަޤީންކުރައްވާ ޖުލްމަ 306 އިލެކްޓޯރަލް ވޯޓު ހޯއްދަވާފައެވެ. ރައީސް ޓްރަންޕަށް ލިބިވަޑައިގެންފައިވަނީ 232 އިލެކްޓޯރަލް ވޯޓެވެ. ބައިޑަންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން