ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
މިއަހަރު ރާއްޖެއަށް 78237 ފަތުރުވެރިން ޒިޔާރަތްކޮށްފި ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ކޯވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރުގެ މާޗު 27 ގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ތިން މަހަށްވުރެ ދިގު އިންތިޒާރަކަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު އެވެ.

ފަތުރުވެރިކަމުގެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 17870 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން 16155 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެެވެ. އޭގެ އިތުރުން ޔޫކްރޭނުން 6263 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއަހަރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލަކު ޒިޔާރަތް ކޮށްފައިވަނީ، 2898 ފަތުރުވެރިންނެވެ. އަދި ފަތުރުވެރިން ރާއްޖޭގައި މަޑުކުރި މުއްދަތަކީ އެވްރެޖްކޮށް 9.2 ދުވަސް ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 604 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން 143 ރިސޯޓަކާއި، 134 ސަފާރީގެ އިތުރުން 327 ހޯޓާ، ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ. މިއީ 43042 ބެޑް ކެޕޭސިޓީއެވެ. އަދި ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 33036 އެވެ.

ރާއްޖެއަށް މިހާރު 27 އެއާލައިނަކުން ވަނީ ދަތުރުތައް ފަށައިފައެވެ. ސަރުކާރުން ލަފާކޮށްފައިވަނީ، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެމަސައްކަތްތަކާއެކު ފަތުރުވެރިކަމާ ގުޅޭ ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއްވެސް ރާއްޖެއަށް ދަނީ ލިބެމުންނެވެ. އެގޮތުން 2020 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން"ގެ އެވޯޑާއި، ސައުތު އެޝިއަން ޓްރެވަލް އެވޯޑްސްގެ 19 އެވޯޑެއް ވަނީ ރާއްޖެއަށް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން