ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިއަކަށް މުވައްޒަފުން ޚިދުމަތްދެނީ
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިއަކަށް މުވައްޒަފުން ޚިދުމަތްދެނީ
ފަތުރުވެރިކަމުގެ ދާއިރާގެ ދިހަހާސް މުވައްޒަފުންނަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމް މާދަމާ ފެށުމަށް ސަރުކާރުން ނިންމަވައިފިއެވެ. އެކަން ހާމަކޮށްފައިވަނީ ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމެވެ.

ކޯވިޑް-19 އިން ދިފާޢުކޮށްދޭ ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ޤައުމީ ޙަރަކާތް ސަރުކާރުން މިދިޔަ ހޯމަ ދުވަހު ފަށާފައިވާއިރު، އެ ޕްރޮގްރާމްގެ ދަށުން މާލޭގައި ދިރިއުޅޭ ހައިރިސްކް ޢުމުރުފުރާގެ ބޭފުޅުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ސިއްޙީ ދާއިރާގެ ބޭފުޅުން ގެންދަވަނީ ކުރަށްވަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިއަދު ވަނީ ފަށާފައެވެ. އަދި ކޯވިޑް-19 އާ ގުޅިގެން ވަޅުޖެހުނު ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރާ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޚިދުމަތްތެރިންނަށް ވެކްސިން ފޯރުކޮށްދިނުމަށް ނިންމާފައިވާކަން ސަރުކާރުން މިއަދު ވަނީ އިޢުލާނުކޮށްފައެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް މިއަދު ވިދާޅުވީ، މާދަމާ ފަށާ ޕްރޮގްރާމްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ 10،000 މުވައްޒަފުންނަށް ވެކްސިން ދެވޭނެ ކަމަށެވެ. މިއީ ރާއްޖެއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ގައުމުގެ ގޮތުގައި ދުނިޔެއަށް ދެއްކުމަށް އަޅާ ފިޔަވަޅެއް ކަމަށް ޑރ. މައުސޫމް ވިދާޅުވެފައިވެއެވެ.



ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ވަނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ތެރެއިން ކޯވިޑް-19 ވެކްސިން ޖެހުމަށް ބޭނުންވާ މުވައްޒަފުން އީމެއިލް މެދުވެރިކޮށް އެ މިނިސްޓްރީގައި ރެޖިސްޓްރީވުމަށް ހުޅުވާލާފައެވެ. ރެޖިސްޓްރީވުމުގެ ފުރުސަތު ހޮޓާތަކާއި، ރިސޯޓުތަކާއި ސަފާރީތަކާއި ގެސްޓު ހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އޮންނާނެ އެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ވެކްސިން ދިނުމަށް ފުރަތަމަ ހަމަޖެހިފައިވަނީ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތްކުރާ މުވައްޒަފުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން