އަމީން އިބްރާހިމް
އަމީން އިބްރާހިމް
ކުރިއެރުމެއް ލިބޭނެ ވަކިދިމާއެއް އޮތްނަމަ ބައެއް އުފާތައް، ޤުޤުބާންކޮށްފައި ނަމަވެސް އެދިމާއަކުން ކުރިޔަށް ދެވޭތޯ ގައުމީ ރޫޙުގައި ޤައުމުތަކުގެ އެކި ފިކުރުތަކުގެ މީހުން ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް ޖޭޕީގެ ނައިބު ލީޑަރ އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭން ފެށުމާއި ގުޅިގެން އަމީން ވިދާޅުވީ، ގައުމީ ވިސްނުމަކުން ވިސްނައިގެން ޞިއްޙަތާއި އިގުތިޞާދީ ހަކަތައިގެ ބެލެންސެއް ހިފެހެއްޓުމަށް މިއަދު ހުރިހާ ގައުމަކުންވެސް ކުރެވެން އޮތް ކަމެއް ކުރަމުން ގެންދާ ކަމަށާއި، ރާއްޖެއަށް މިކުރިއެރުން ނުހޯދޭންވީ ސަބަބެއް ނެތް ކަމަށެވެ. އެގޮތުން ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދޭން ފެށުމަކީ ހަމައެކަނި ރައްޔިތުންނަށް ޞިއްޙީ ރައްކާތެރިކަމުގެ އިތުބާރު އުފައްދައިދޭ ކަމެއްނޫން ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ވެކްސިނަކީ ރާއްޖޭގެ ނާޒުކު އިޤްތިޞާދުގެ މައި ތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ މަންފާ މިޙާލަތުގައި ހޯދުމަށާއި، ރައްޔިތުންނަށް އެފައިދާ ލިބިލިބި ހުރުމަށްޓަކައިވެސް މިވަގުތަށް އެންމެ ބޭނުންތެރި އެއްކަން ކަމަށެވެ. އަދި ފަތުރުވެރިންގެ އިތުބާރާއި ޔަގީންކަން އުފެއްދުމަށް ފަތުރުވެރިންނަށް ޚިދުމަތްދޭ ރިޒޯޓް މުވައްޒަފުންނާއި، ފަތުރުވެރިންނާ އެއަރޕޯޓުންނާއި އުޅަނދުފަހަރުން ބައްދަލުވާ އޮފިސަރުންނާއި ޚިދުމަތްތެރިން ފަތުރުވެރިންނާ ބައްދަލުކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ އެކަށީގެންވާ ގޮތުގައި އަޅައިގެންކަން ކަށަވަރުކަމާއެކު ފަތުރުވެރިންނަށް އެނގުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.

މިއަދުގެ އުނދަގޫ އަދި ނުރައްކާތެރި ޙާލަތުގައިވެސް، ދުނިޔޭގެ ގިނަ ޓޫރިސްޓުންގެ މެދުގައި ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބަލައިގަނެފައިވާކަމަށް ގިނަ ލިޔުންތަކުން ފެންނަ މަދު މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވުމަކީ ރާއްޖެއަށް މިވަގުތު އޮތް ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށް އަމީން ވިދާޅުވިއެވެ. ވީމާ މިޙާލަތުގައި ރާއްޖެއަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން އެންމެ ފަހިކޮށް ހިފުމަށްޓަކައި ސަރުކާރާ ޚާއްޞަކޮށް ޓޫރިޒަމް އިންޑަސްޓްރީން ފުންކޮށް ވިސްނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ދެވޭ މީހުންގެ ތެރޭގައި ޞިއްޙީ ޚިދްމަތްތެރިންނާއި އުމުރާއި ބަލީގެ ގޮތުން އިސްކަންދޭންޖެހޭ މީހުންނާއެކު ޓޫރިސްޓް ރިޒޯޓް ހޮޓާތަކުގައި މަސައްކަތްކުރާ މީހުނާއި، ފަތުރުވެރިންނަށް އިސް ސަފުގައި ހިދުމަތްދިނުމުގައި ދެމިތިބި އިމިގްރޭޝަން، އެއަރޕޯޓް، ކަސްޓަމްސް މުވައްޒަފުން ފެށިގެން އުޅަނދު ފަހަރުގައި އެމީހުން އުފުލައި އަދި އެމީހުނާ ސީދާ ބައްދަލުވާ ޚިދުމަތްތެރިން ހިމަނައި، އެމީހުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް ބާރުއަޅައި ހިތްވަރުދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ކޮވިޑްގެ އާ ވޭރިއަންޓްތައް ރާއްޖެއަށް ފަސޭހައިން އެތެރެވެ މުޖްތަމަޢުތެރެއަށް ފެތުރުމަށް މެދުވެރިވާނެ އެއްބަޔަކީ ފަތުރުވެރިންނާ ސީދާ ބައްދަލުވާ ފަރާތްތައް ކަމަށް ޤަބޫލްކުރެވޭ ކަމަށް އަމީން ވިދާޅުވިއެވެ.

ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި ރާއްޖެ ހޯދާފައިވާ މަތީ މަގާމާއި މަޝްހޫރުކަމާ އެއްފަދައިން ޓޫރިސްޓުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގައިވެސް ރާއްޖެ ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ ވަނަ ހޯދުމަށްޓަކައި ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ޙަރަކާތްތެރިވާ އެންމެންނަށް ވެކްސިން ޖަހައި ނިންމުމުގެ ޓާގެޓެއް ކަނޑައަޅައި ވެކްސިން ޖެހުމުގެ މިލަނޑުދަނޑިއާއި ކާމިޔާބީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ކެމްޕޭންގެ ތެރޭގައި މިދުވަސްވަރު ހިމަނައި އެ ކެމްޕޭން ކުރުމަކީ މުހިއްމުކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން މިހެން ވިދާޅުވެފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާގެ އިސް ސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ވެކްސިން ދިނުމަށް މާދަމާ ފަށާނެ ކަމަށް ސަރުކާރުން ވަނީ އިޢުލާނު ކޮށްފައެވެ. އެގޮތުން މާދަމާ ފަށާ ކެމްޕޭންގެ ދަށުން 10000 މީހުންގެ ގަޔަށް ވެކްސިން ޖަހާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން