ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
މިދިޔަ އަހަރު ސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުންކުރީ ރައްޔިތުން ރައްކާތެރި ކުރުމަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މީގެ އެއް އަހަރު ކުރިން، މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނާ، ރައީސް ބައްދަލުކުރި އިރު ރާއްޖޭގެ ޙާލަތު އޮތް ގޮތާ އަޅައިބަލާއިރު، މިހާރު ރާއްޖެ އޮތީ ނާޒުކު ހާލަތެއްގައި ކަމަށެވެ. އަދި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ތަޤްދީރުގެ ނިޔާގެ މަތިން، ކަންކަން ފުރޮޅިގެން ދިޔައީ، އަޅުގަނޑުމެން ތަދުބީރުކުރި ރޭވުމާ މުޅިން އެއްގޮތަކަށް ނޫން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޯވިޑް-19ގެ ބަނަ ވިލާގަނޑު ރާއްޖެއަށް ހިޔަނި އަޅާނެ ކަމުގެ ބިރު އުފެދުމާއެކު މިދިޔަ އަހަރުގެ އެންމެ ކުރީކޮޅުން ފެށިގެން، ސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުންކުރީ، މިބަލިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިކުރުމަށް ކަމަށެވެ. އެކަމަށްޓަކައި އެޅި ފިޔަވަޅުތަކަކީ، އޭގެ ނަތީޖާ އެނގި ތިބެ، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން އަޅަންޖެހުނު ފިޔަވަޅުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ވެރިރަށް ފުރަބަންދުކުރުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"ޤައުމުގެ ހުރިހާ ކަމެއްހެން ހުއްޓި، ދިރިއުޅުމުގެ ޢާންމު ޙާލަތު މިވަނީ، މުޅިން ބަދަލުވެފައި. ޤައުމުގެ އިޤްތިޞާދު މިއޮތީ ފުން ވަޅުގަނޑެއްގެ ތެރޭގައި، ތިޔަ ޢިއްޒަތްތެރި މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިޙާލަތަށް ކަންތައް ދިޔައީ، 2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން