މަސްވެރިން މަސްބޭނުމުގެ މަސައްކަތުގައި (ފޮޓޯ: މަސްވެރިން.އެމްވީ)
މަސްވެރިން މަސްބޭނުމުގެ މަސައްކަތުގައި (ފޮޓޯ: މަސްވެރިން.އެމްވީ)
ކޯވިޑްގެ ސަބަބުން، ޤައުމުގެ ފަތުރުވެރިކަމާއި އިޤްތިޞާދީ ޙަރަކާތްތައް ހުއްޓިގެން ދިޔައިރުވެސް ވިންދު ޖަހަޖަހައި އޮތީ ދިވެހި މަސްވެރިކަމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި، މިދިޔަ އަހަރުވެސް، ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އަދި މަސް ގަންނަ ކުންފުނިތަކަށް ދީފައި އޮތް "އެކްސްކްލޫސިވިޓީ“ މިދިޔަ އަހަރު އުވާލައި، މަސް ގަތުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުޞަތު، މިހާރުވާނީ އާންމުކޮށް ހުޅުވާލާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓް ކުރާ ބައެއް ތަކެތިން ނަގަމުން އައި އިމްޕޯރޓް ޑިއުޓީވެސް މިދިޔަ އަހަރު ވާނީ ކަނޑާލާފައި ކަމަށެވެ. މީގެ އިތުރުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ 6 ކުންފުންޏަކަށް 55.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިފްކޯއަށް މިދިޔަ އަހަރު، 49 ހާސް މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 879 މިލިއަން ރުފިޔާ ވާނީ ދޫކޮށްފައިކަމަށެވެ. މިއީ މިދިޔަ 14 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކްޓަނު، އިތުރުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިމަސައްކަތް ނިމުމުން މިފްކޯއަށް މަސް އިރާދަ ގަނެވޭ މިންވަރު ދުވާލަކަށް 61 އިން ސައްތަ އިތުރުވާނެ ކަމަށާއި، މީގެ އިތުރުން، މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން