މުޅިން އަލަށް އެލްޑަރލީ ވިލެޖެއް، އައްޑު އަތޮޅުގައި ޤާއިމްކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ފަޚުރުވެރިކަމާއެކު، ދިރިއުޅެވޭނެ މާޙައުލެއް ޤާއިމްކުރުމަށްޓަކައި، މުޅިން އަލަށް އެލްޑަރލީ ވިލެޖެއް، އައްޑު އަތޮޅުގައި ޤާއިމްކުރުމުގެ މަސައްކަތްވެސް މިއަހަރު ފެށޭނެ ކަމަށެވެ.

އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިދިނުމަށްޓަކައި، ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރ ޤާއިމްކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކުދިންނަށް ބޭނުންވާ ތެރަޕީއާއި ފަރުވާ ލިބޭނެ ވަސީލަތްތަކާއެކު، ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްކުރުމާ ޙަވާލުވިއިރު، ދައުލަތުގެ ބެލުމުގެ ދަށުން، ވިލިމާލޭ ކުޑަކުދިންގެ ހިޔާގަޔާއި ހުޅުމާލޭ ފިޔަވަތީގައި، ވަރަށް ނިކަމެތި ޙާލަތެއްގައި ދިރިއުޅެމުން ދިޔަ ކުދިންތަކެއް ތިބި ކަމަށެވެ. އެކުދިން ބެލެހެއްޓުމާ ހަވާލުވެ ތިބި މުވައްޒަފުންގެ ފަރާތުން، ބައެއް ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައްވެސް ލިބިފައި އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިއަދު ވިދާޅުވީ އެމައްސަލަތައް މިހާރު މިއަންނަނީ ތަޙުޤީޤުކޮށް ބަލަމުން ކަމަށެވެ.

އެގޮތުން އެފަދަ ކުދިންނަށް އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަސައްކަތް، މިދިޔަ އަހަރު ފަށާފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ބ. އޭދަފުއްޓާއި ށ. ފުނަދޫ އަދި ފުވައްލުމަކުގައި ޤާއިމްކުރި އަމާން ވެއްޓަށް 51 ކުއްޖަކު މިހާރު ވާނީ ބަދަލުކޮށްފައި ކަމަށާއި، މި ބަދަލުގެ ސަބަބުން، އިޖްތިމާޢީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު އެކުދިންނަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން