ރާއްޖޭގެ ޑޮމެސްޓިކް އެއަރޕޯޓެއް
ރާއްޖޭގެ ޑޮމެސްޓިކް އެއަރޕޯޓެއް
މިއަހަރުގެ ތެރޭގައި 5 އެއަރޕޯޓެއް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި މ.މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް، މި މަހުގެ ތެރޭގައި ބަޔަކާ ޙަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ތަރައްޤީ ލާމަރުކަޒު ކުރުމުގެ ނާރެހަކީ ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅައިލުން ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ސަރުކާރުން ތަރައްޤީކުރި ހއ. ހޯރަފުށީ އެއަރޕޯޓު މިދިޔަ އަހަރު ހުޅުވައި މިހާރު އަންނަނީ ޚިދުމަތް ދެމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއަރޕޯޓް ހެދުމަށް ޤަޞްދުކުރަން. އޭގެ ތެރެއިން މ. މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ބަޔަކާ ޙަވާލުކުރެވޭނެ. ހދ. މަކުނުދުއާއި، ބިލެތްފަހި އަދި ބ. ތުޅާދުއާއި ތ. ވިލުފުށީގައި އެއަރޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން މިހާރު ވާނީ ހުޅުވާލާފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދަތުރުވެރިންނާއި މުދާފެރީ ނިޒާމުން މުޅި ރާއްޖެ ގުޅުވައިދޭ، ހައި ސްޕީޑް ފެރީ ނެޓްވޯކްގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފަށަން ނިންމެވި ނަމަވެސް، ކޯވިޑްގެ ސަބަބުން އެކަން ހުއްޓިފައި އޮތުމަށްފަހު، މިދިޔަ މަހުގެ 17 ވަނަ ދުވަހު، އެމަސައްކަތް ވާނީ އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައި ކަމަށެވެ.

އަދި އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން، ބީލަމުގެ މަރުހަލާ ނިންމައި، އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި، އެމަސައްކަތް ބަޔަކާ ޙަވާލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މިމަޝްރޫޢު ފުރިހަމަވުމުން، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންގެ އެންމެ ޒަމާންވީ އެއް ޝަކުވާއަށް ނިމުމެއް އަންނާނެ ކަމަށެވެ.

އޭގެ އިތުރުން މާލޭގައި މިހާރު ޤާއިމުވެފައި އޮތް ރާއްޖޭގެ މަރުކަޒީ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ތެރެއިން، ބިންހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް، މިދިޔަ އަހަރުވަނީ ނިމިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެބަނދަރު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރު ފެށުމަށް މިއަންނަނީ ތައްޔާރުވަމުން ކަމަށާއި، ހަމައެއާއެކު މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ބްރިޖުން ގުޅައިލުމުގެ ޢަމަލީ މަސައްކަތްވެސް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 6 މަސްތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


13

ޙޮސޭނ

06-Feb-2021

ކީއައްކުރަން . ޢައްޑޫ އެއަރޮ ޕޯޓެއް އޮއްނަތާ 70 އަހަރު . ޢެ އަތޮޅައް ވީ މަންފާއަކީކޮބާ.? ތީ ވޯޓައް ޖަހާ ކަޑަ!



ޓްރެންޑިން