ކުނި ނައްތާލުމުގެ މަސައްކަތް
ކުނި ނައްތާލުމުގެ މަސައްކަތް
20 ރަށުގެ ކުނިތައް، 7 މަސް ތެރޭގައި ނަގައި ސާފުކުރުމަށް ވެމްކޯއާ ޙަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ގިނަ ރަށްރަށަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ އިންތިޒާމެއް ނެތުން ކަމަށެވެ. އެގޮތުން މިހާރުވެސް ވަރަށް ގިނަ ރަށްރަށުގައި، ވަރަށް ގިނަ ދުވަސްވީ ކުނިތަކެއް ނައްތާނުލެވި އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެ ތެރެއިން އެންމެ ގިނައިން ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނިތައް، 7 މަސް ތެރޭގައި ނަގައި ސާފުކުރުމަށް، ވެމްކޯއާ މިހާރު ވާނީ ޙަވާލުކޮށްފައި." ރައީސް ޞާލިޙް މިއަދުގެ ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިކަން ދާއިމީ ގޮތެއްގައި ޙައްލުކުރުމަށްޓަކައި ރާއްޖޭގެ 3 ސަރަޙައްދެއްގައި ކުނި މެނޭޖްކުރާނެ ވަސީލަތްތައް މިއަންނަނީ ތަރައްޤީކުރަމުން ކަމަށާއި، މިދާއިރާއިން ކުރިއަށް އޮތް ތަނުގައި، ސަރުކާރުން އެންމެ މުހިއްމު އިސްކަމެއް ދޭނީ ރަށުފެންވަރުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް، ކުނިން މަންފާ ހޯދޭނެ ނިޒާމެއް ޤާއިމްކޮށްދިނުމަށް ކަމަށެވެ.

އަދި ތިމާވެށި ޙިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތުގައިވެސް، ރާއްޖޭން މިއަންނަނީ ޙަރަކާތްތެރި ގޮތެއްގައި ބައިވެރިވަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެކުލަވާލާފައިވާ ޕެރިސް އެގްރީމަންޓުގެ ދަށުން، ރާއްޖޭން އެކުލަވައިލި، އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ބައިނަލްއަޤުވާމީ އެހީ ކަށަވަރުވެއްޖެނަމަ، ސަރުކާރުގެ އަމާޒަކީ، 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން ހުއްޓުވުމަކީ ވެސް، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެއް ކަމަށެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް އެތެރެކުރުމާއި، އުފެއްދުމާއި ވިއްކުން މަނާކުރުމަށް އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް، ރާއްޖެއަށް އެތެރެކުރުން މަނާ ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓެއް، މިދިޔަ ޑިސެމްބަރު 30 ވަނަ ދުވަހު އާންމުކޮށްފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ލިސްޓުގައި ހިމެނޭ 9 ބާވަތެއްގެ ޕްލާސްޓިކް އުފެއްދުންތައް، މިއަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން