އައްޑޫ ސިޓީ (ފޮޓޯ: ސޯޝަލް މީޑިއާ)
އައްޑޫ ސިޓީ (ފޮޓޯ: ސޯޝަލް މީޑިއާ)
އައްޑޫސިޓީ ހިތަދޫން ދެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މުޅި އައްޑޫ ސިޓީ މޮނިޓަރިންއަށް ގެންގޮސް ނަގަމުން އަންނަ ސާމްޕަލްތަކުން މިއަދު ފަސް މީހުން ޕޮޒިޓިވްވެ، އެ ކްލަސްޓާއިން ޕޮޒިޓިވްވީޖުމްލަ ޢަދަދު 12 އަށް އަރައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފަހުން ޕޮޒިޓިވްވި ފަސް މީހުންނަކީ ދިވެހިންނެވެ. އަދި އެ އެންމެންވެސް ޕޮޒިޓިވް ވެފައިވަނީ ފޭދޫ އިންނެވެ. އައްޑޫ ހިތަދޫން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭއްވި ޓްރެއިނިންއަށް ދިޔަ މޯލްޑިވިއަންގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އެކަމާ ގުޅިގެން އެ ޓްރެއިނިންގ ގައި ބައިވެރިވި 46 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.

މީގެ އިތުރުން މި ކްލަސްޓަރ އާއި ގުޅުން ހުރި މީހަކު ވަނީ ގދ. ތިނަދޫން ވެސް ޕޮޒިޓިވްވެފައެވެ. މިވަގުތު އައްޑޫސިޓީ ހުޅުދޫމީދޫ އެމްޓީސީސީ ސައިޓުން 24 ބިދޭސީއަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު