އޮބްލޫ ސިލެކްޓް އެޓް ސަންގެލި ރިސޯޓު
އޮބްލޫ ސިލެކްޓް އެޓް ސަންގެލި ރިސޯޓު
އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 102 އަށް އަދި އަނަންތަރާ ކިހަވަށް ރިސޯޓުން ޕޮޒިޓިވްވި މީހުން އަދަދު 86 އަށް އަރައިފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 102 އަށް އަރާފައިވާ ކަމަށެވެ. އެ ރިސޯޓުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހު ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްފަހު އެނބުރި އައި އެ ރިސޯޓުގެ ބިދޭސީ މުވައްޒަފެކެވެ. އޭގެ ފަހުން ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރި އިތުރު މުވައްޒަފުންތަކެއް ޕޮޒިޓިވްވުމާ ގުޅިގެން އިތުރު މުވައްޒަފުންގެ ސާމްޕަލް ނަގާފައިވެއެވެ.

ސަންގެލި ރިސޯޓުން 102 މީހުން ޕޮޒިޓިވް ވެފައި ވާއިރު، ބ.އަތޮޅުގައި އޮންނަ އަނަންތަރާ ކިހަވައް ރިސޯޓުގައި މިއަދުގެ ނިޔަލަށް ޖުމްލަ 86 މީހުން ޕޮޒިޓިވްވެފައި އެބަތިބިކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ވަނީ ވިދާޅުވެފައެވެ. އަނަންތަރާ ކިހަވަކުގައި ކޮވިޑް ފެތުރެން ފެށިކަން އެނގުނީ، މިއަހަރުގެ ޖެނުއަރީ 19 ގައެވެ.

ފަހަކަށްއައިސް ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ގިނަ ޢަދަދެއްގެ ބަޔަކު ދަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން ސަން ޝިޔާމްގެ އިރުވެލީގައި 12 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ކޮންސްޓެންސް މޫފުށިން 8 މީހަކު އަދި ރެސިޑެންސް މޯލްޑިވްސްއިން 20 މީހަކު މިވަގުތު ޕޮޒިޓިވް ވެފައި ތިބި ކަމަށް އެޗްއީއޯސީން މަޢުލޫމާތު ދެއްވައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން