ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
ގދ. ތިނަދޫ އިން އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓީވްވީ މީހުންގެ ޖުމްލަ ޢަދަދު ތިނަކަށް އަރައިފިއެވެ.

ތިނަދޫން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. އެއީ އައްޑޫ ހިތަދޫ ކްލަސްޓާއިން ޕޮޒިޓިވްވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. އަދި ހިތަދޫ ކްލަސްޓާއާ ގުޅިގެން އެރަށުން ޕޮޒިޓިވް ވި މީހާގެ ކޮންޓެކްޓުންގެ ތެރެއިން އެކަކު މިއަދު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ތިނަދޫން އިއްޔެވެސް ވަނީ ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެފައެވެ. އެއީ އެރަށުން ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ މީހެކެވެ.

ތިނަދޫގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން އެރަށަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އެރަށުގެ ސައިހޮޓާތަކާއި ރެސްޓޯރެންޓްތައް ރޭގަނޑު 11:00 ގައި ބަންދުކޮށް، ފިހާރަތަކާއި ގާޑިޔާތައް ރޭގަނޑު 10:00 ގައި ބަންދު ކުރަން ވަނީ އަންގާފައެވެ. އަދި ކަސްރަތު ކްލާސްތަކާއި ޖިމާއި ދުވާ ޓްރެކް އަދި ހުރިހާ ކުޅިވަރު ކޯޓުތަކެއްވެސް ވަނީ ބަންދުކޮށްފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން