ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
ގދ. ތިނަދޫ އިން އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓީވްވީ މީހުންގެ ޖުމްލަ ޢަދަދު ހަތަރަކަށް އަރައިފިއެވެ.

ތިނަދޫން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. އެއީ އައްޑޫ ހިތަދޫގައި އޭވިއޭޝަން ކޮމާންޑުން ބޭއްވި ޓްރެއިނިންގ އަށް ދިޔަ ކާޑެއްދޫ އެއަރޕޯޓްގެ މުވައްޒަފެކެވެ. އަދި އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ދެ މީހުން މިއަދު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ތިނަދޫން އިއްޔެވެސް ވަނީ ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެފައެވެ. އެއީ އެރަށުން ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ މީހެކެވެ. މިއާއެކު އެ ރަށުގައި މިވަގުތު ކޯވިޑް-19 އަށް ޕޮޒިޓިވް ހަތަރު މީހުން އެބަ ތިއްބެވެ،

ތިނަދޫގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން އެރަށަށް އަރައިފޭބުން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މަނާކޮށްފައިވާއިރު، އެރަށުގެ ސައިހޮޓާތަކާއި ރެސްޓޯރެންޓްތައް ރޭގަނޑު 11:00 ގައި ބަންދުކޮށް، ފިހާރަތަކާއި ގާޑިޔާތައް ރޭގަނޑު 10:00 ގައި ބަންދު ކުރަން ވަނީ އަންގާފައެވެ. އަދި ކަސްރަތު ކްލާސްތަކާއި ޖިމާއި ދުވާ ޓްރެކް އަދި ހުރިހާ ކުޅިވަރު ކޯޓުތަކެއްވެސް ވަނީ ބަންދުކޮށްފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން