ފުވައްމުލަކު ސިޓީ މިސްކިތެއް
ފުވައްމުލަކު ސިޓީ މިސްކިތެއް
ފުވައްމުލަކު ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިިފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި، ކޯވިޑް-19ގެ ސަބަބުން ފުވައްމުލަކު ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ވާތީއާއި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސިޓީގެ ހުރިހާ މިސްކިތްތަކުގައި ފަރުޟު ނަމާދުގެ ޖަމާއަތް ނުހެދުމަށް ވަނީ އަންގާފައެވެ.

އެގޮތުން ފެބްރުއަރީ 11 ވަނަ ދުވަހުގެ ޢަސުރު ނަމާދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ފުވައްމުލަކުގެ ހުރިހާ މިސްކިތެއްގައި ފަރުޟު ނަމާދުގެ ޖަމާއަތް ނުހެދުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.



އަދި މިސްކިތްތަކުގައި ބަންގި ގޮވުމަށާއި، ބަންގީގެ ފަހުން "އައްޞަލާތި ފީ ބުޔޫތިކުމް" 2 ފަހަރު ގޮވުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި މި ދަނޑިވަޅުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާކުުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

ފުވައްމުލަކުގައި ކޯވިޑް-19 ފެތުރިފައިވޭތޯ ބެލުމަށް 7 ފެބްރުއަރީ 2021 ވީ އާދިއްތަ ދުވަހު އެރަށުން ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ފަރާތްތަކުގެ ތެރެއިން އެކަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި އޭނާގެ ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތުގެ ދަށުން 40 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 9 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ފުވައްމުލަކުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާއިރު، އައްޑު އާއި، ތިނަދޫ އިންވެސް ޕޮޒިޓިވް ކޭސްތަކެއް ފެނި މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން