މާލޭ ސަރަޙައްދުގައި ފައިމަގުގައި ބަޔަކު ޙަރަކާތްތެރިވަނީ
މާލޭ ސަރަޙައްދުގައި ފައިމަގުގައި ބަޔަކު ޙަރަކާތްތެރިވަނީ
ހަވީރު 6:00 އިން ހެނދުނު 6:00 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދާދި ދެންމެ އަކު ނެރެފައިވާ އެންގުމުގައި ވަނީ، ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތް އިޢުލާނު ކޮށްފައިވާތީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، މި ހިނދުން ފެށިގެން، ވަކިގޮތެއް އަންގަންދެން، މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ތިލަފުށް ޓާއި، ގުޅީފަޅާއި، ހުޅުލެ) ގައި، ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރާ ކަމަށެވެ.

އެހެން ނަމަވެސް އެ ފިޔަވަޅުން، ސިފައިންނާއި ފުލުހުންނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލަންސާއި، ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރގެ ފާސް ލިބިފައިވާ ފަރާތްތަކާއި، އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް އިސްތިސްނާ ވާނެ ކަމަށް އެ އެންގުމުގައި ވެއެވެ.

އަދި އެ އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ޚާއްޞަ ހާލަތްތަކުގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެ ކަމަށް އެ އެންގުމުގައި ވެއެވެ. އަދި އިސްވެ ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް އެ އެންގުމުގައި ވެއެވެ.

އެޗްޕީއޭގެ އެންގުމުގައި ވަނީ، މި ފިޔަވަޅުތައް ތަންފީޛުކޮށް، ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާފައެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގަވާފައިވެއެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން