ޒަރިޔަންދު (ކ) އަޝްފާޤު (ވ) އާއި އެކު
ޒަރިޔަންދު (ކ) އަޝްފާޤު (ވ) އާއި އެކު
ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑް ޢަލީ އަޝްފާޤަށް އަމާޒުކޮށް މަސްލަޙަތު ޚަރާބު ނުކުރުމަށް ޤައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރ އަދި ފުޓުބޯޅަ ލެޖެންޑް އިސްމާޢީލް ޒަރިޔަންދު ގޮވާލައިފިއެވެ.

މީސްމީޑިއާގެ މަންސައެއް ކަމަށްވާ ޓްވިޓަރ ގައި އަޝްފާޤަށް ނިސްބަތްވާ ގޮތަށް އޭނާގެ ފޮޓޯއެއް ބޭނުންކުރުމަށްފަހު، މިހާރު މީހުން ފުޓުބޯޅަ ބެލުމަށް ގަލޮޅު ދަނޑަށް ނުވަންނަނީ ސީރިއާ އަށް ޖިހާދަށްދާން ތައްޔާރަށްތިބި ބަޔަކު ފުޓުބޯޅަ ކުޅޭތީ ކަމަށް ބުނެ މީސްމީޑިއާ އެކްޓިވިސްޓް ސޫޒަންގެ ޓްވިޓަރ ހޭންޑަލްއިން ވަނީ ޓްވީޓެއް ކޮށްފައެވެ. އަދި އެފަދަ މީހުން ފުޓުބޯޅަ ކުޅޭ މަންޒަރު ބެލުމަށް ސިޑިބަރީގައި އިންދާ އެތަން ގޮއްވާލާނެ ކަމުގެ ބިރުވެސް އޮތްކަމަށް ރައްޓެއްސަކާ ޙަވާލާދީ އެ ޓްވީޓްގައި ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އަޝްފާޤަކީ އެފަދަ ހަރުކަށި ޖިހާދީ ވިސްނުމުގެ މީހެއް ނޫންކަމަށް ފުޓުބޯޅަ ޢާއިލާގެ އެންމެން ދަނީ ބުނަމުންނެވެ. އެގޮތުން ދިވެހި ފުޓުބޯޅަ ލެޖެންޑު ޒަރިޔަންދު ބުނެފައިވަނީ، ދީނުގެ ނަމުގައި ހިންގާ ހައްދުފަހަނަ އަޅާފައިވާ އަމަލުތަކަށް، ފަންނާނުން ސަމާލުވާންޖެހޭ ކަމަށާއި، އަލީ އަޝްފާޤަކީ އެންމެނާއިގުޅޭ ދީންވެރި ކޮއްކޮއެއްފަދަ ކުއްޖެއް ކަމަށެވެ. އަދި އަޝްފާޤުގެ ނަން ބޭނުންކޮށްގެން މަސްލަޙަތު ޚަރާބު ނުކުރުމަށް ޒަރިޔަންދު ވަނީ ގޮވާލާފައެވެ.

"ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއަށް އަމާޒުވެފައިނެތް ބަހެއް އޭނާއާއި އަމާޒުކޮށް މަސްލަޙަތު ހަރާބުނުކުރޭ." ޒަރިޔަންދު ބުނެފައިވެއެވެ.



ޒުވާނުންގެ މެދުގައި ތުނބުޅި ދިގުކުރުން މިއަދު ޓްރެންޑަކަށް ވެފައިވާއިރު، ތުނބުޅި ދިގު ކުޅުންތެރިންނަކީ ހައްދުފަހަނައެޅި ބައެއްކަމަށް ސިފަވާ ގޮތަށް ދެއްކި ވާހަކަ ކުށްވެރިކޮށް އެފްއޭއެމް އިން މިއަދު ބުނެފައިވަނީ، ދިވެހި ކުޅުންތެރިންނަކީ ހަނގުރާމަވެރި ސީރިއާގެ ޖަމާއަތްތަކާއެކު ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއްކަމަށް ބުނެ ދައްކާފައިވާ ވާހަކަތަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި އެ ކުޅުންތެރިންނަކީ އެފަދަ އެއްވެސް ޣައިރު ގާނޫނީ ކަމެއްގައި ޝާމިލުވާނެ ބައެއްކަން އެއްވެސް ގޮތަކުން އެނގިފައިނުވާ ކަމަށާއި އެފަދަ ވާހަކަތައް މީސް މީޑިއާގައި އާންމުވުމުގެ ސަބަބުން ދިވެހި ފުޓުބޯޅަ އާއިލާގެ އިތުރުން ކުޅުންތެރިންނާއި ކުޅުންތެރިންގެ އާއިލާތަކަށް އަގުނުކުރެވޭ ފަދަ ގެއްލުންތައް ލިބެމުންދާތީ އެ މައްސަލަ ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށް އެފްއޭއެމުން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން