ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު (32އ) އާއި ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް (28 އ) މިއީ މި ކަމުގައި އިސްކޮށްތިބި ދެމީހުން
ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު (32އ) އާއި ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް (28 އ) މިއީ މި ކަމުގައި އިސްކޮށްތިބި ދެމީހުން
ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 10 މީހުންގެ މައްޗަށް ދަޢުވާ ކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންގެ ތެރެއިން ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު އާއި، ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް އަކީ މި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްތިބި ދެ މީހުން ކަމަށެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 71 މިލިއަން ރުފިޔާއަށް އަރާނެއެވެ.

މި މައްސަލާގައި ޕީޖީ އޮފީހުން ބުނީ، ހައްޔަރުކުރި 10 މީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށާއި، އަދި މި މައްސަލައިގައި ހިމެނޭ އަހުމަދު ނަސީރާއި މުހައްމަދު އަކްރަމް އަދި މުހައްމަދު ޝަރީފުގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ ދޭލިޔާގެ، އިރުފާން ތަޤިއްޔު އާއި، ރ. އިނގުރައިދޫ އެލެސްކާ، މުޙައްމަދު ވިޝާމްއާއި، ދ. މާއެނބޫދޫ އަނބުގަސްދޮށުގެ، އަޙްމަދު ނަޞީރުއާއި، ކ. މާލެ މއ. ކަނޑޫގެ، ޢަލީ އަޙްމަދު އާއި، ކ. މާލެ ހ. ގާރޑަންބިޔުޓީ، މުޙައްމަދު އަކްރަމް އާއި، ރ. އިނގުރައިދޫ އެލެސްކާ، ޢަބްދުﷲ ވިޝާމް އާއި، ހދ. ނޮޅީވަރަންފަރު ނޫރީއާގެ، މުޙައްމަދު ޝަރީފް އާއި، ލ. ގަން، ތުނޑި ޕެރިސްހޮލިޑޭ، މުޙައްމަދު ފުރުޤާން އާއި، ތ. ތިމަރަފުށި ތަޑިރަތްމާގެ، މުޙައްމަދު ވަޖީޙު އާއި، ރ. ރަސްގެތީމު ފީރޯޒްގެ، އަޙްމަދު ޝިނާން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވެފައިވެއެވެ. އަދި މިގޮތުން ހަރަކާތްތެރިވަމުންދަނިކޮށް، "މަސްޖަރީ" ނަމަކަށްކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު 8 ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުމުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައިވަނިކޮށް ފުލުހުން ވަނީ ހޯދާފައެވެ. މި އޮޕަރޭޝަނުގައި ރާއްޖެ އެތެރެކުރި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.

މި އޮޕަރޭޝަނުގައި 10 މީހުން ހައްޔަރުކޮށް، މާލޭގެ ބައެއް ގެތައް ބަލައިފާސްކޮށްފައިވާއިރު، ދެ ކާރާއި ލޯންޗެއް އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވެއެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވަމުންދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން