ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
މިއަހަރު މިހާތަނަށް ރާއްޖެއަށް 138000 ފަތުރުވެރިން ޒިޔާރަތްކޮށްފި ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ކޯވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރުގެ މާޗު 27 ގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ތިން މަހަށްވުރެ ދިގު އިންތިޒާރަކަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު އެވެ. އަދި އެދުވަހު ހެނދުނު 8:27 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަތަރު އެއާވޭސްގެ ފްލައިޓު ޖެއްސުމާއެކު މަޑުޖެހިފައި އޮތް ރާއްޖޭގެ އިޤްތިޞާދު އަލުން ވަނީ ހިނގައިގަނެފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ އެކަނިވެސް ރާއްޖެއަށް 4856 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އިއްޔެ އަކީ މިއަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ. އަދި މިމަހު މިހާތަނަށް ރާއްޖެއަށް ވަނީ، 46809 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 173347 ފަތުރުވެރިންނެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 30499 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން 30295 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެެވެ. އޭގެ އިތުރުން ޔޫކްރޭނުން 9955 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއަހަރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލަކު ޒިޔާރަތް ކޮށްފައިވަނީ، 3087 ފަތުރުވެރިންނެވެ.



ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 641 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން 145 ރިސޯޓަކާއި، 11 ހޮޓެލް އަދި 136 ސަފާރީގެ އިތުރުން 349 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ. މިއީ 43976 ބެޑް ކެޕޭސިޓީއެވެ. އަދި ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 33432 އެވެ.

ރާއްޖެއަށް މިހާރު 27 އެއާލައިނަކުން ވަނީ ދަތުރުތައް ފަށައިފައެވެ. ސަރުކާރުން ލަފާކޮށްފައިވަނީ، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެމަސައްކަތްތަކާއެކު ފަތުރުވެރިކަމާ ގުޅޭ ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއްވެސް ރާއްޖެއަށް ދަނީ ލިބެމުންނެވެ. އެގޮތުން 2020 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން"ގެ އެވޯޑާއި، ސައުތު އެޝިއަން ޓްރެވަލް އެވޯޑްސްގެ 19 އެވޯޑެއް ވަނީ ރާއްޖެއަށް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން