އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
އައްޑޫ ސިޓީގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން އެސިޓީގައި ކާފިއު އިޢުލާނުކޮށް އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފުތާއަކަށް ދަންމާލައިފިއެވެ.

ދާދި ދެންމެއަކު އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ބުނީ ބައްޔާ ދެކޮޅަށް 2021 ފެބުރުވަރީ 9 ވަނަ ދުވަހުން ފެށިގެން، އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަތް ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ސިޓީގައި އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި އައްޑޫ ސިޓީގައި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ.

އަދި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ނުބޭއްވުމަށާއި، އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނޭ ކަމަށްވެސް އެ އެންގުމުގައި ވެއެވެ.

ހަމައެއާއެކު އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށް ވަނީ އަންގާފައެވެ.

އަދި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށާއި، ފިހާރަތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމަށް އަންގާފައިވެއެވެ.

މީގެ އިތުރުން ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމާއި، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށް ވަނީ އަންގާފައެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާފައިވާ މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެމުވައްޒަފުން ދުއްވާ އުޅަނދު ފަހަރުގެ އިތުރުން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތަކާއި މި އެންގުމުގެ ދަށުން ބޭރަށް ނުކުތުން މަނާ ކޮށްފައިވާ ވަގުތުގައި އެމަޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަން ޖެހޭފަރާތްތައް މިކާފިއު އިން އިސްތިސްނާ ވާނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ، މިފިޔަވަޅުތައް ތަންފީޛު ކުރުމުގައި ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށެވެ. އަދި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށާއި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އައްޑޫ ސިޓީގައި ހަލުވި ދުވެލީގައި ކޯވިޑް-19 ފެތުރެމުން ދާއިރު އެސިޓީން މިރޭގެ ނިޔަލަށް 62 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން