އަހުމަދު ޝާހް   17 ފެބްރުއަރީ 2021 - 2:14
ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
މާލޭ ސަރަހައްދުގައި ހަވީރު 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށް އެޗްޕީއޭ އިން ނެރުނު އަމުރަށް ދެ ހަފްތާ އިތުރުކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދާދި ދެންމެ އަކު ނެރެފައިވާ އެންގުމުގައި ވަނީ، ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައިވާތީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ތިލަފުށްޓާއި، ގުޅީފަޅާއި، ހުޅުލެ) ގައި، 2021 ފެބްރުވަރީ ދެވަނަ ދުވަހު ނެރެފައިވާ އަމުރަށް 17 ފެބްރުވަރީ އިން ފެށިގެން 14 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން މާލެ ސަރަޙައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމާއި، މާލޭ ސަރަހައްދުގައި ހަވީރު 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް ވަނީ ނިންމަވާފައެވެ.

އަދި ޕާކުތަކާއި މައިޒާންތަކަށް ޒިޔާރަތްކުރުން ހުއްޓައިލުމާއި އެހެންނަމަވެސް ކަސްރަތުކުރުމަށް ކަނޑައަޅައިފައިވާ ޕާކުތަކުގައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތަށް ކުރިޔަށް ގެންދިޔުމަށް އަންގަވާފައިވެއެވެ. މީގެ އިތުރުން ޔުނިވަރރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމާއި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

އެހެން ނަމަވެސް އެ ފިޔަވަޅުން، ސިފައިންނާއި ފުލުހުންނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލަންސާއި، ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރގެ ފާސް ލިބިފައިވާ ފަރާތްތަކާއި، އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް އިސްތިސްނާ ވާނެ ކަމަށް އެ އެންގުމުގައި ވެއެވެ.

އަދި އެ އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ޚާއްޞަ ހާލަތްތަކުގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެ ކަމަށް އެ އެންގުމުގައި ވެއެވެ. އަދި އެ ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް އެ އެންގުމުގައި ވެއެވެ.

އެޗްޕީއޭގެ އެންގުމުގައި ވަނީ، މި ފިޔަވަޅުތައް ތަންފީޛުކޮށް، ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާފައެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގަވާފައިވެއެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މާލޭގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ދަންމާލާފައިވާއިރު އިއްޔެވެސް މާލެއިން ވަނީ 104 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން