އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް
އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް
ބިދޭސީން ބަލަހަށްޓާ އޮންލައިން ސިސްޓަމް ބޭނުންކުރަން ޢާއްމުކޮށް ހުޅުވާލާފައިވާ ކަމަށް އިޤްތިޞާދާބެހޭ ވަޒީރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިނުން" ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އަމަލުކުރަން ފެށުނު ތާރީޚް ކަމަށްވާ 2021 ފެބްރުއަރީ 15 ވަނަ ދުވަހުން ފެށިގެން، ބިދޭސީންގެ ކަންތައްތައް ބަލަހައްޓާ އެކްސްޕެޓް ސިސްޓަމަށް ބޮޑެތި ބަދަލުތަކެއް ގެނެވި، ސިސްޓަމް މިހާރު ވަނީ ހުޅުވައިލެވިފައި ކަމަށެވެ.

އެގޮތުން ގެނެވިފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ސިސްޓަމްގެ ޔޫއާރްއެލް ބަދަލުވުމާއި، 24 ގަޑި އިރު ސިސްޓަމް ހުޅުވައިލުމާއި އެކްސްޕްރެސް ސަރވިސްގެ ޚިދުމަތް ފެށުން ހިމެނޭ ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ސިސްޓަމް މެދުވެރިކޮށް ދެމުންދާ ޚިދުމަތްތައް "ފުލީ އޮންލައިން" ކޮށްފައިވާ ކަމަށާއި، ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތައް، މޮނިޓަރ ކުރުމުގެ ގޮތުން ސިސްޓަމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

"މިހާރު ހުއްދަތަކާއި ގުޅިގެން ފުރިހަމަކުރަން ޖެހޭ ޝަރުތުތަކާއި ކަންތައްތަކަށް ބަލައި ހުއްދައިގެ ސްޓޭޓަސް އޮޓަމެޓިކަލީ ބަދަލުވާނެ. ވަޒީފާ ދޭ ފަރާތްތަކަށް ނޮޓިފިކޭޝަން ލިބޭނެ. އަދި ސަރުކާރުގެ އެކި އިދާރާތަކުން، ބިދޭސީންނާއި ގުޅިގެން ހިންގޭ މޮނިޓަރިން އިންސްޕެކްޝަންތަކުން ހޯދޭ މައުލޫމާތު އެކްސްޕެޓް ސިސްޓަމަށް އަޕްޑޭޓްކުރެވޭނެ. އަދި ފިލާފައިވާ ނުވަތަ ގެއްލިފައިވާ ބިދޭސީން އޮންލައިންކޮށް، ރިޕޯޓްކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ގަވާއިދުގައި ބަޔާންކުރާ ގޮތަށް ސަސްޕެންޑްކުރުމާއި، ބްލެކްލިސްޓްކުރުމާއި، ޖޫރިމަނާކުރުމާއި އަދި ހުއްދަތައް ބާޠިލްކުރުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އޮޓޮމަޓިކަލީ އެޅޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މިދެންނެވި ކަންތައްތަކުގެ އިތުރުން، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް، ފަސޭހަކަމާއި އަވަސްކަމާއިއެކު ޚިދުމަތް ލިބިގަނެވޭނެ ގޮތަށް ސިސްޓަމަށް ގިނަ ބަދަލުތަކެއް ގެނެވިފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އިތުރު ބަދަލުތައް ސިސްޓަމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެގޮތުން އީ-ވޮލެޓްސް ތައާރަފްކުރުމާއި، ބިދޭސީންގެ އެކަމަޑޭޝަން އޮންލައިކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމާއި، ވާރކް ޕަރމިޓް އިންޝޫރެންސްގެ ޚިދުމަތް ސިސްޓަމް މެދުވެރިކޮށް ހޯދޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ވަރކް ޕަރމިޓް މެޑިކަލް ގެ ޚިދުމަތް ސިސްޓަމް މެދުވެރިކޮށް ހޯދޭނެ އިންތިޒާމް ހަމަޖެއްސުމާއި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމުގައި ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް ވަޒީފާ ދޭ ފަރާތުން އެޕްލިކޭޝަންތަކާއި އެކު ހުށައަޅަންޖެހޭ، ސަރުކާރުގެ އެކި އިދާރާތަކުން ދޫކުރާ ހުއްދަތަކާއި ރަޖިސްޓްރޭޝަންތައް، އެ ސިސްޓަމްތަކާއި އެކްސްޕެޓް ސިސްޓަމް އިންޓަގްރޭޓްކޮށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ބިދޭސީންނާއި ގުޅިގެން ކުރެވޭ މޮނިޓަރިންނާއި އިންސްޕެކްޝަނަށް ޚާއްސަ މޮޑިއުލްއެއް އެކްސްޕެޓް ސިސްޓަމްގައި ޑިވެލޮޕްކުރުން ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އަލަށް އެކުލަވާލެވުނު ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާބެހޭ ޤަވާއިދާއި، އަދި ސިސްޓަމަށް ގެނެވޭ ބަދަލުތަކުގެ މަޢުލޫމާތު ދިނުމަށްޓަކައި މިނިސްޓްރީގެ މުވައްޒަފުން އަދި މިނިސްޓްރީގެ ކޮންޓެކްޓް ސެންޓަރގެ މުވައްޒަފުންނަށް ތަމްރީން ދެވިފައިވާނެ ކަމަށެވެ. އަދި މީގެއިތުރުން، ވަޒީފާ ދޭ ފަރާތްތަކަށް ޚާއްސަކޮށް 2 ތަމްރީން ސެޝަނެއް ބޭއްވި ފައިވާ ކަމަށާއި، މިތަމްރީން ތަކުގައި 150 އަށްވުރެ ގިނަ ވަޒީފާދޭ ފަރަތުން ބައިވެރިވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް، ވަޒީފާދޭ ފަރާތްތައް ގަވާއިދާއި އައު ސިސްޓަމަށް އަހުލުވެރިކުރުމުގެ މަސައްކަތް މިދަނީ ކުރުމުން ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން