ކުރީގެ ނައިބުރައީސް ޢަބްދުﷲ ޖިހާދު
ކުރީގެ ނައިބުރައީސް ޢަބްދުﷲ ޖިހާދު
މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ފުރުމުގެ ހުއްދައަށް އެދުމުން ކޯޓުން ގޮތް ނިންމަންވާނީ އެމީހަކު ފުރުމަށް ހުއްދަ ދިނުމާއި، ނުދިނުމުން ކުރެ ގޮތަކަށް ކަމަށާއި، އޭގެ ބަދަލުގައި އެމީހެއްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ކުރީގެ ނައިބުރައީސް ޢަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލްކުރުމުން ދަޢުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިޢުނާފް ކޮށްފައެވެ. އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުން މިއަދު ކުރެއްވި ހުކުމުގައި ވަނީ ޖިހާދު ފުރުމުގެ ހުއްދައަށް އަމިއްލައަށް އެދުމުން ކޯޓުން ގޮތެއް ނިންމަން ޖެހޭނީ ފުރުމުގެ ހުއްދަ ދިނުމާއި ނުދިނުމާ މެދު ކަމަށާއި، އެ ހާލަތުގައި ޕާސްޕޯޓު ހިފަހައްޓަން އަމުރު ނުކުރެވޭނެ ކަމަށެވެ.

އަދި ކޯޓުގައި އޮތް މައްސަލައެއްގައި މީހަކު ފުރުން މަނާކުރަން ޕާސްޕޯޓު ހިފަހައްޓަން ޕީޖީއަށް އަމުރަކަށް އެދެވޭނީ ގާނޫނު ތަންފީޒު ކުރާ އިދާރާ މެދުވުރިކޮށް ކަމަށާއި، މި މައްސަލާގައި ޖިހާދު ފިއްލަވައިގެން ހިނގައިދާނެ ކަމަށް ބެލެވޭ ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމްގައިވެއެވެ. ޖިހާދަކީ ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅަކަށް ވާތީ އޭނާއަށް ރާއްޖެއިން ބޭރުގައި ފިއްލަވައިގެން އުޅެވޭނެ ކަމަށް ދައުލަތުން ބުނުމަކީ އޭނާ ފިލާފާނެ ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެއެވެ.

ޖިހާދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް އެދުނީ، ދުބާއީގައި ކިޔަވަން ގޮސް ތިބި އޭނާގެ ދަރިންނާއި ބައްދަލުކުރުމަށާއި، އޭނާގެ އަމިއްލަފުޅު ބޭސްފަރުވާއަށެވެ. ޖިހާދު ކޯޓަށް ޑޮކްޓަރުންގެ ލިޔުންތައް ހުށަހަޅައި އަދި އޭނާ އާއި ޖާމިނުވާނެ މީހަކު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވުމުން ވެސް އޭނާއަށް ރާއްޖެ އިން ބޭރަށް ފުރައިގެން ދެވޭނެ ގޮތް ހަދަން ދައުލަތުން ވަނީ ދެކޮޅު ހަދާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ. ފަނޑިޔާރުންގެ ބެންޗްގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

މާލެ އަތޮޅު ފުށިދިއްގަރުފަޅު ކުއްޔަށްދިން މައްސަަލާގައި ޖިހާދުގެ މައްޗަށް، ދަޢުވާކުރުމަށް ދަޢުލަތުންވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. ޚާއްޞަ ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ފުށިދިއްގަރުފަޅު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާގުޅިގެން، ޖިހާދުގެ މައްޗަށް، ދަޢުވާކުރުމަށް ދަޢުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ޖިހާދުގެ މައްޗަށް ދަޢުލަތުން ދައުވާ ކޮށްފައިވަނީ، ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓްވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު، 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނިކޮށް، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ޚިލާފުވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށްވުމުން އެކަމުގެ ސަބަބުން ދަޢުލަތަށް ލިބެންއޮތް ފައިދާ ނުލިބި ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާތީއެވެ.

މިއީ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ތަޙްޤީޤުކޮށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން