ޤާނޫނީ ވަކީލް އަލްއުސްތާޛު މުޙައްމަދު ނިޝާން (ވ)، ކްރިމިނަލް ކޯޓުގެ ޤާޟީކަމުން އިސްތިއުފާދެއްވި އަޙްމަދު ޙައިލަމް (ކ)
ޤާނޫނީ ވަކީލް އަލްއުސްތާޛު މުޙައްމަދު ނިޝާން (ވ)، ކްރިމިނަލް ކޯޓުގެ ޤާޟީކަމުން އިސްތިއުފާދެއްވި އަޙްމަދު ޙައިލަމް (ކ)
ޤާނޫނު އަސާސީގެ އެއްތަންކޮޅުން މާނަނެގުން ނޯންނަ ކަމަށް ވިދާޅުވެ ޤާނޫނީ ވަކީލް އަލްއުސްތާޛު މުޙައްމަދު ނިޝާން، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމަށް ރައްދު ދެއްވައިފިއެވެ.

އިންތިޚާބަކާ ނުލައި، ގޮނޑިތަކަށް މެމްބަރުން އިންތިޚާބު ކުރުމަކީ ޤާނޫނާ ޚިލާފު ކަމެއްކަމަށް ޙައިލަމް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދުދެއްވަމުން ވަކީލް ނިޝާން ވިދާޅުވީ، ވޯޓަކާނުލާ އިންތިޚާބު ކުރުން ޤާނޫނުއަސާސީއާ ޚިލާފުކަމަށް އެ ޤާނޫނުގައި ނޯންނާނެ ކަމަށެވެ.

އަދި ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ރާ އާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނުގެ 24 ވަނަ މާއްދާ ވިދާޅުވިންތޯ ވަކީލް ނިޝާން ވަނީ ޙައިލަމް އަރިހުން ސުވާލު ކުރަށްވާފައެވެ. އަދި ޤާނޫނު އަސާސީގެ އެއްތަންކޮޅުން މާނަ ނެގުން ނޯންނަކަމަށް ނިޝާން ވިދާޅުވިއެވެ.

ނަމަވެސް ނިޝާން އެވިދާޅުވާ 231 ވަނަ މާއްދާގެ އެއްވެސް އަކުރެއްގައި އިންތިޚާބަކާއި ނުލައި ކައުސިލަރުން އިންތިޚާބު ވާނެ ކަމަކަށް ބުނެފައެއް ނުވެއެވެ.

ކައުންސިލަރުން އިންތިޚާބު ކުރުމާބެހޭ ގޮތުން 231 ވަނަ މާއްދާގެ (ހ) ގައި ބުނަނީ "އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުން ދީމިޤްރާޠީ އުޞޫލުތަކުގެމަތީން، ސިއްރުވޯޓަކުން އިންތިޚާބުކުރާ މެންބަރުން" ކަމަށެވެ.

އެމާއްދާގެ (ރ) ގައި އޮންނަނީ، "އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތައް އިންތިޚާބުކުރުމާބެހޭ ޤާނޫނެއެ ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެ" ކަމަށެވެ. ވޯޓަކާއި ނުލައި ކައުންސިލަރަކު އިންތިޚާބު ވާނެ ގޮތެއްވެސް ވާނެ ކަމަކަށްވެސް ނިޝާން އެވިދާޅުވި 231 ވަނަ މާއްދާއަކު ނޯވެއެވެ.

ކައުންސިލް އިންތިޚާބުގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބުނަނީ، "ކައުންސިލެއްގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން ކަމަށް ވެފައި، އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދާ އެއްވަރުނަމަ ނުވަތަ އެއަށްވުރެ މަދުނަމަ، އެ އިންތިޚާބުގައި ވޯޓުލުމެއްނެތި އެ ކެންޑިޑޭޓުން އެމަގާމުތަކަށް އިންތިޚާބުވީ ކަމަށް އިޢުލާންކުރަންވާނެ" ކަމަށެވެ.

ހައިލަމް ވިދާޅުވީ "ރައްޔިތުންގެ ސިއްރު ވޯޓުން އިންތިޚާބުކުރުން ޤާނޫނު އަސާސީން ލާޒިމްކުރާ މަޤާމަކަށް ކުރިމަތިލާ ފަރާތްތައް ނަން އަނބުރާ ގެންދިޔުމަކީ، ނަން އަނބުރާ ނުގެންދާ ފަރާތާމެދު ދާއިރާގެ ރައްޔިތުން ބަސް ހޯދުމަކާ ނުލައި، އިންތިޚާބު ވާންޖެހޭ ސަބަބެއް ނޫން." ކަމަށެވެ.



މީގެ ކުރިން ޙައިލަމް ވިދާޅުވެފައިވަނީ އިންތިޚާބާބެހޭ ޤާނޫނުތަކުގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ރައްޔިތުންގެ ވޯޓާ ނުލައި އިންތިޚާބުކުރުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށެވެ. އަދި އެފަދައިން އިންތިޚާބުކުރެވޭ ބަޔަކީ ޤާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ ގޮތަށް ރައްޔިތުން ފުރިހަމަ ސިފައެއްގައި ރެޕްރެޒެންޓް ކުރެވޭ ބަޔަކަށް ނުވާނެކަމަށް ޙައިލަމް ވިދާޅުވެފައިވެއެވެ.

ހައިލަމް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކައުންސިލް ތަކުގެ 30 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް 90 ކެންޑިޑޭޓުން ވޯޓަކާ ނުލައި އިންތިޚާބު ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރުމާ ގުޅިގެންނެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން