ޕީޕީއެމް އިން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން
ޕީޕީއެމް އިން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން
ކޯވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ގޮވާލުމަށްފަހު މާލޭގެ މަގުމަތީގައި ޕީޕީއެމުން މިއަދުވެސް މުޒާހަރާ ކޮށްފިއެވެ.

ލީޑަރޝިޕްގެ ގިނަ ބަޔަކު އިސްކޮށްތިބެ މިއަދު ހަވީރު ޕީޕީއެމް އޮފީސް ދޮރުމަތިން ފެށި މި މުޒާހަރާގައި އެޗްޕީއޭގެ ގައިޑްލައިންގައި ބުނާ 10 މީހުންނަށްވުރެ ގިނައިން މީހުން ބައިވެރިވެފައިވެއެވެ.

ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޢިމާރާތްކޮށްފައިވާ ހިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ލިސްޓު އިޢުލާނުކޮށްފައިވަނީ ބޭއިންސާފުން ކަމަށް މިއަދުގެ މުޒާހަރާގައި ވަނީ އަޑުއުފުލާފައެވެ. އަދި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށްވެސް މި މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މުޒާހަރާގެ ވަކި ހިސާބަކުން މުޒާހަރާގެ ބައިވެރިން ފުލުހުންގެ ސަފުތައް ހުރަސްކޮށް ކުރިއަށް ދިއުމަށް މަސައްކަތްކުރުމުން ފުލުހުންވަނީ އިންޒާރު ދިނުމަށްފަހު މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުން ކޮށްފައެވެ. މި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ޢަދަދު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެޗްޕީއޭ އިން ވަނީ މާލޭ ސަރަޙައްދުގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ ދިހަ މީހުންނަށްވުރެ ގިނަ މީހުން އެއް ނުވުމަށް އަންގާފައެވެ. ނަމަވެސް ޕީޕީއެމުން ބުނަނީ މުޒާހަރާ ކުރަނީ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން