ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް (ވ) އާއި ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް (ވ) އާއި ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ
އަސްކަރިއްޔާއާމެދު ރައީސްގެ ތަޞައްވަރަކީ ދިވެހި ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތް ކުރުން ކަމަށް ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ ހަފްތާ މަޖައްލާ އައްޑަނަ އަށް ލިޔުއްވި ލިޔުއްވުމެއްގައި ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ދިވެހި އަސްކަރިއްޔާއާ މެދު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ތަޞައްވުރުގެ އެންމެ މުހިންމު އެއް އަޞްލަކީ، ހުރިހާ ހާލަތެއްގައި ވެސް، ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރުން ކަމަށެވެ. އަދި ސިފައިން ކުރިއަށް މިދަނީ، މި މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި، ހުރިހާ ގޮތަކުން ވިސްނައިގެން މި ސަރަޙައްދުގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ޕާޓްނަރުންނާ ވެސް ގުޅިގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، އެތައް އަހަރެއް ވަންދެން، ބައިނަލްއަޤްވާމީ އެކި ޕާޓްނަރުންގެ އެކަމަށް އެދުމަށްފަހު، އަވައްޓެރި އިންޑިއާ ސަރުކާރާ ގުޅިގެން، "ސިފަވަރު" މަޝްރޫޢުގައި ކުލަ ޖެހި، އެމްއެންޑީއެފް ކޯސްޓްގާޑަށް އަމިއްލަ ޑޮކްޔާޑަކާއި ބަނދަރެއް މިއަދު ލިބިގެން މިދިޔައީ ވެސް ސަރުކާރުން ގެންގުޅުއްވާ "ޑިފެންސް ޑިޕްލޮމަސީ އެންޑް ކޯޕަރޭޝަން"ގެ ހަރުދަނާ ސިޔާސަތުގެ ތެރެއިން ކަމަށެވެ.

އަދި މިއީ ކޯސްޓްގާޑްގެ ސިފައިންނަށް ލިބުނު ބޮޑު ލުއިފަސޭހަ އެއްގެ އިތުރުން ދިވެހި ކޮންމެ ރައްޔިތަކަށް ލިބުނު އުފާވެރި ޚަބަރެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ދީދީގެ ލިޔުން ނިންމަވާ ލައްވާފައިވަނީ، މި ނޫ ކަނޑާއި ފެހި ޖަޒީރާ ރަށްތަކާއި އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޙިމާޔަތުގައި، ޖާނުން ފިދާވާން ޖެހުނަސް، އެކަމަށް ތައްޔާރަށް ތިބި، ދިވެހި އަސްކަރިއްޔާގެ ސިފައިން، އިޚްލާޞްތެރިކަމާއި ސާބިތުކަމާއެކު، ޤައުމީ ވާޖިބު އަދާކުރުންމަތީ ދެމިތިބުމުގެ ހެޔޮ ތަޢުފީޤު، މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން