ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމްދީނުގައި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކޮށްފައިވާ މިންވަރަށް އެހެން އެއްވެސް ވަޟުޢީ ފަލްސަފާއެއްގައި އެޙައްޤުތައް ޙިމާޔަތްކޮށްފައި ނުވާ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޑރ. ޝަހީމް ވިދާޅުވީ، އިސްލާމްދީނުގައި އަންހެނުންގެ މަޤާމު ވަނީ މަތިވެރިކުރައްވާފައި ކަމަށާއި، އަންހެނުންނާ މެދު އިސްލާމީ ޝަރީޢަތުގައި އުޞޫލީ އެއްވެސް ކަމެއްގައި ތަފާތުކަމެއް ނެތް ކަމަށެވެ. އަދި އިސްލާމީ ނަޒަރުން ބަލާއިރު އަންހެނާއަކީ މުޖުތަމަޢުގެ އެއްބައި ކަމަށާއި، އަދި އަންހެނުންނަކީ މުޖުތަމަޢު ބިނާކުރުމުގެ މަސްއޫލިއްޔަތެއް އޮތް މުހިންމު ބައިވެރިއެއް ކަމަށެވެ.

ދީނީ ނަޒަރަކުން އަންހެނުން ބާރުވެރިކޮށްފައިވާ މިންވަރަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަހީމް ވިދާޅުވީ، އިސްލާމްދީނުގައި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކޮށްފައިވާ މިންވަރަށް އެހެން އެއްވެސް ވަޟުޢީ ފަލްސަފާއެއްގައި ޙިމާޔަތްކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ކީރިތި ޤުރުއާނުގައި އަންހެނުންގެ ޙައްޤުތައް ބަޔާންކޮށްފައިވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ޤުރުއާނުގައި އަންހެނުންގެ ޙައްޤުތަކާ ގުޅޭ ވަކި ސޫރަތެއްވޭ ( އައްނިސާއު ސޫރަތް) އައްނިސާގެ މާނައަކީ އަންހެނުން. މީގެ އިތުރުން އަލްބަޤަރާ، އައްނޫރު، އަލްއަޙުޒާބު، އައްޠަލާޤު، މި ނޫން ވެސް އެތައް ސޫރަތެއްގައި އަންހެނުންގެ ޙައްޤުތައް އެތައް ގޮތަކުން ޙިމާޔަތްކުރައްވާފައިވޭ، ކީރިތި ރަސޫލާގެ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ގޮވާލައްވާފައިވޭ." ޑރ. ޝަހީމް ވިދާޅުވިއެވެ.

ރަސޫލާގެ ޙަޔާތްޕުޅުން ފެށިގެން އިސްލާމީ އުންމަތުގެ ހުރިހާ މަރުޙަލާއެއްގައި އުންމަތް ބިނާކުރުމުގައްޔާއި އިސްލާމީ ޙަޟާރަތު ކުރިއެރުވުމުގައި އަންހެނުންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކޮށް ޑރ. ޝަހީމް ވިދާޅުވީ ޚާއްޞަކޮށް މީހުން ބިނާކުރުމާއި ޢިލްމުފެތުރުމުގަ އަންހެނުން ފުރިހަމަ ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

އިސްލާމީ ތާރީޚުގައި އަންހެނުން އަދާކޮށްފައިވާ މުހިއްމު ދައުރަށް އަލި އަޅުވާލަށްވަމުން ޑރ. ޝަހީމް ވިދާޅުވީ އެންމެ ފުރަތަމަ އިސްލާމްވީ ކަނބަލެއް ކަމަށާއި، އިސްލާމީ ދައުލަތް ޤާއިމުކުރުމުގައި ރަސޫލާގެ އަރިހުގައި ކަނބަލުން ބައިވެރިވެވަޑައިގަތް ކަމަށެވެ. އަދި ބައިޢަތުލްޢަޤަބާއާއި ދެ ހިޖުރައިގައި ވެސް ކަނބަލުން ބައިވެރިވެވަޑައިގަތް ކަމަށާއި، އުޙުދުގެ ދުވަހުގައި ރަސޫލާގެ ދިފާޢުގައި ނުސައިބާ ބިންތި ކަޢުބު ހަނގުރާމަކުރެއްވި ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"މަދީނާގެ ހިޖުރައިގައި، ޘައުރު ފަރުބަދައިގައި ތިން ދުވަހު މަޑުކުރެއްވި އިރު، އިތުރު އެކަލޭގެފާނަށް އެ ބިރުވެރި ޙާލަތުގައި ސިއްރިޔާތުގައި ފަރިއްކޮޅު ގެންގޮސްދެއްވީ ހިއްވަރުފުޅުގަދަ އަންހެން ޞާހިބާ އަސްމާއު ބިންތި އަބީބަކުރު. ޚަދީޖާ (رضي الله عنها) އަކީ ބައިނަލްއަޤުވާމީ ގޮތުން ވިޔަފާރިކުރެއްވި ކަނބަލެއް. އެކަމަނާގެ ވިޔަފާރި ޤާފިލާތައް ޝާމުކަރައާއި ޔަމަނަށް ދަތުރުކުރި. ޞަޙާބީ ބޭކަނބަލުންގެ ތެރޭގައި ވިޔަފާރިއާއި، އަތްތެރި މަސައްކަތާއި ދަނޑުވެރިކަމާއި ބޭސްވެރިކަން ކުރައްވި ކަނބަލުން ތިއްބެވި." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ މިއަދުގެ އިސްލާމީ ދުނިޔެއާ ހަމައަށް އިސްލާމްދީނާއި ފިޤުހު ޢިލްމު ފޯރުކޮށްދެއްވި އެންމެ އިސް ޢިލްމުވެރިޔަކީ އިތުރު އެކަލޭގެފާނުގެ ލޮބުވެތި އަނބިކަބަލުން އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ކަމަށެވެ. އަދި އަންހެނުންނަށް ޢިލްމު އުނގަންނަވައި ދެއްވުމަށް ޚާއްޞަ ދުވަހެއް ރަސޫލާ ކަނޑައަޅުއްވާފައި އޮތް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ހަމައެއާއެކު ދައުލަތާއި އުންމަތުގެ މުހިންމު ކަންކަމުގައި ރަސޫލާއާއި ހަތަރު ޚަލީފާއިންނަށް ކަނބަލުން މަޝްވަރާ އަރުއްވާފައިވާ ކަމަށާއި، އެކަނބަލުން ދެއްވާ މަޝްވަރާ ރަސޫލާއާއި ހަތަރު ޚަލީފާއިން ވެސް އައްސަވައި އެއަށް ޢަމަލުފުޅު ކުރައްވާފައިވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ ފުރިހަމަ ޙައްޤުތައް ލިބިގެން ކަނބަލުން ޤައުމާއި މުޖުތަމަޢު ބިނާކުރުމަށް ޢަޒުމު ކަނޑައަޅަންޖެހޭ ކަމަށާއި، އިސްލާމްދީނުގައި އަންހެނުންނަށް ވަނީ މަތިވެރި މަޤާމެއް ދެއްވައި ޢިއްޒަތްކުރައްވާފައި ކަމަށެވެ. އަދި އެ ޙައްޤުތައް އުނގެނި އެ ޙައްޤުތައް މުޖުތަމަޢުގައި ފެތުރުމަށްވެސް ޑރ. ޝަހީމް ވަނީ ގޮވާލަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން