ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ
ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ފަތުވާ މަޖިލީހުން، ދިވެހި ރައްޔިތުންގެ މެދުގައި ދީނީގޮތުން ޚިލާފު ތަފާތުވުން އުފެދޭ މައްސަލަތަކަށް އެކަށޭނަ ޙައްލެއް ހޯދައިދީ، ކަން އޮންނަންވީ ސާފު، ރަނގަޅު ގޮތް އޮޅުންފިލުވައިދީ، މުޖްތަމަޢުގެ ޞުލްޙަޔާއި އަމާންކަން ކަށަވަރުކުރުމަށްޓަކައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަންޖެހިފައިވާކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ޖަޕާނު ސަރުކާރުގެ ދީލަތި އެހީގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެން.ސީ.ޓީ.ސީ) އާއި ދިވެހިރާއްޖޭގެ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގުޅިގެން ކުރި ދިރާސާއެއްގެ މައްޗަށް އެކުލަވާލާފައިވާ "ވިމެން އޭސް ޕީސްބިލްޑަރސް އެންޑް އޭޖްންޓްސް އޮފް ޗޭންޖް އިން ދަ މޯލްޑިވްސް" ރިޕޯޓު އިފްތިތާޙުކުރުމަށް މިއަދު މިނިސްޓްރީ އޮފް ޑިފެންސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުގެ އަމާޒަކީ ޒަމާނުއްސުރެ އެކުވެރިކަމާއި ބަދަހިކަމާއެކު ދިރިއުޅެމުން އަންނަ މުޖްތަމަޢެއް ދީން ހަތިޔާރަކަށް ހަދައިގެން ބައިބައިކޮށްލުންކަމަށެވެ.

މިނިސްޓަރުގެ ވާހަކައިގައި އެކަމަނާވަނީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ދިވެހިރާއްޖެއަކީ އަމާން، ޞުލްޙަވެރި، އަދި މިންތީގެ ހަމަހަމަކަން ފުރިހަމަޔަށް ޤާއިމްވެފައި އޮންނަ ޤައުމަކަށް ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި މިހާތަނަށް ޙާސިލްކުރައްވާފައިވާ ކުރިއެރުންތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ. މިގޮތުން، ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްޞަކުރުމާއި، ސުޕްރީމް ކޯޓުގެ ބެންޗަށް ފުރަތަމަ ފަހަރަށް އަންހެން 2 ފަނޑިޔާރުން އައްޔަންކުރައްވާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ވަނީ، މި މުހިންމު އަދި މުނާސަބު ރިޕޯޓު އެކުލަވާލުމުގައި ޙަރަކާތްތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް، އާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި މިނިސްޓަރ އާއިޝަތު ދީދީ އެކަމަނާގެ ޒިންމާއާއި މަސްޢޫލިއްޔަތު ނުހަނު ފުރިހަމަކަމާއި އިޚްލާޞްތެރިކަމާއެކު އަދާކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެކަމަނާއަށް ޝުކުރުއަދާކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން