ޑރ މުޙައްމަދު އިޔާޒް
ޑރ މުޙައްމަދު އިޔާޒް
ރައްޔިތުން ނުރުހިއްޖެނަމަ، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރާ މެމްބަރުންގެ ވެސް އިތުބާރު ނެތްކަމުގެ ވޯޓު ނެގެން ޖެހޭ ކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިން މީޑިއާ އަކަށް ދެއްވި އިންޓަވިއު އެއްގައި ޑރ. އިޔާޒް ވިދާޅުވީ، މެމްބަރެއްގެ ދާއިރާގެ ރައްޔިތުންގެ މެދުގައި އެ މެމްބަރެއްގެ އިތުބާރު ނެތް ކަމަށް ވަނީނަމަ އެ މެމްބަރެއްގެ ނޯ ކޮންފިޑެންސް ނެގޭ ގޮތަށް ހަމަޖައްސަން ޖެހޭ ކަމަށެވެ.

އަދި އެގޮތަށް އިންތިޒާމްތައް ހަމަޖެއްސެވުމަށް ޑރ. އިޔާޒް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިލްތިމާސް ވެސް ކުރަށްވާފައެވެ. މީގެއިތުރުން މަޖިލީހުގައި ހަދާ ޤާނޫނުތައް ދީނީ މިންގަނޑާ ޚިލާފު ނުވާ ގޮތަށް ފަރުމާ ކުރުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ދީނީ ގޮތުން ލަފާދެއްވޭ ވަރުގެ މީހަކު ޢައްޔަނު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"ޤާނޫނީ ކަންކަމުގައި މަޖިލިސް މެމްބަރުންނަށް ލަފާ ދިނުމަށް މިހާރުވެސް ބޭފުޅަކު ހުންނަވާއިރު، ދީނީ ކަންކަމުގައި ލަފާ ދިނުމަށް މަޖިލީހުގައި މީހަކު ނުބަހައްޓަންވީ ސަބަބެއް ނެތް." ޑރ. އިޔާޒް ވިދާޅުވިއެވެ.

ވަޒީރުންނާއި، މިނިވަން މުއައްސަސާތަކުގެ ބޭފުޅުންގެ އިތުރުން ފަނޑިޔާރުންނާއި މެދު އިތުބާރު ނެތް ކަމުގެ ވޯޓު ނެގޭއިރު، މަޖިލީހުގެ މެމްބަރުންނާ މެދުވެސް އިތުބާރު ނެތްކަމުގެ ވޯޓު ނެގެންވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޑރ. އިޔާޒް ވަނީ ރޭގެ ޕްރޮގްރާމްގައި ވިދާޅުވެފައެވެ.

ޑރ. އިޔާޒް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަކީ ވެސް ޤާނޫނުގެ އިމުގެ ތެރޭގައި ތިއްބަވަންޖެހޭ ބޭފުޅުން ކަމަށެވެ.

ގާނޫނު ތަކުގައި ކަނޑައަޅައިގެން އިންތިޚާބު ކުރާ ނުވަތަ އައްޔަން ކުރާ ބޭފުޅުންގެ އިތުބާރު ނެތްކަމަށް ކަނޑައަޅާ އެމީހުން މަގާމުން ވަކި ކުރުމާއި އެމީހުން ޖަވާބުދާރީ ކުރުވުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮތް ނަމަވެސް މަޖިލީހުގެ މެންބަރެއްގެ އިތުބާރު ގެއްލިގެން ނުވަތަ އެނޫން ކަމެއް ވެގެން ވެސް މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި މަގާމުން ވަކި ކުރެވޭ ގޮތެއް ގާނޫނީ ގޮތަކުން ނޯވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން