ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އަލުން ހުޅުވާލުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިސާސް ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން، މިދިޔަ އަހަރު ބޭއްވުމަށް މަސައްކަތްކުރި ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ޚާއްސަ ޤާނޫނެއްގެ ދަށުން ވަނީ ފަސްކޮށްފައެވެ. އަދި ކައުންސިލް އިންތިޚާބު އެއް އަހަރު ފަހުން ބޭއްވޭގޮތަށް މަގުފަހިކޮށް އެކުލަވާލި ޤާނޫނުގައި ވަނީ އިންތިޚާބުގައި ވާދަކުރެވޭނީ ކުރިން އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް އެކަނި ކަމަށެވެ.

އިންތިޚާބުގެ ޚާއްސަ ގާނޫނުގެ ތިން ވަނަ މާއްދާ ބާތިލް ކުރަން ހައި ކޯޓަށް ހުށަހެޅީ ތ. ކަނޑޫދޫ މެނީލާ، މުހައްމަދު ތަސްލީމެވެ. އެމައްސަލައިގެ ޙުކުމް މިއަދު އިއްވާފައިވާއިރު ޙުކުމްގައި ބުނެފައިވަނީ، ކޯޓުތަކުގެ ގާނޫނުގެ ދަށުން ދުސްތޫރީ މައްސަލަަތައް ބެލުމުގެ ބާރު ހައި ކޯޓަށް ލިބިފައި ވިޔަސް، އެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން، ގައުމުގެ އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލަތައް ބެލުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށް އެކަނި ކަމަށެވެ. އަދި އެ މައްސަލައަށާއި ގައުމުގެ ހާލަތު އޮތްގޮތަށް ބަލާއިރު އެއީ ގައުމުގެ އާންމު މަސްލަހަތާ ގުޅުމެއް ނެތް މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އެ މައްސަލަ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެއީ އެ ކޯޓުގެ އަސްލީ އިިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް ކުރިން ނިންމާފައި ވިޔަސް، އެއީ ގައުމުގެ އާންމު މަސްލަހަތާ ގުުޅުންހުރި މައްސަލައެއް ނޫން ކަމަށް އެ ކޯޓުން ނިންމާފައިނުވާ ކަމަށެވެ. އަދި ހައި ކޯޓުގެ ގަވާއިދު އޮތްގޮތުން ވެސް ދުސްތޫރީ މައްސަލަތަކުގެ ތެރެއިން އެ ކޯޓަށް ބެލޭނީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބިފައިވާ މައްސަލަތައް ނޫން މައްސަލަތައް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގެ ދަށުން ހައި ކޯޓަށް ލިބިގެންވާ ދުސްތޫރީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞްގެ ތަރަހައިގެ ތެރޭގައި ހިމެނޭ މައްސަލައަކަށް ނުވާތީ، މައުޟޫޢީ ގޮތުން މައްސަލާގައި ގޮތެއް ކަނޑައެޅިދާނެ ކަމަށް ނުފެންނަ ކަމަށް އެ މައްސަލަަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން