ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ސަރުކާރުގެ އަމާޒަކީ ދިވެހިން އަދާކުރާހިތްވާ ވަޒީފާތަކަށް ދިވެހިންގެ ކޯޓާ އިތުރުކުރުން ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވީ، މިއަހަރު އަލަށް ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރުވިގެންދާ ވަޒީފާގެ ފުރުސަތުތަކާއެކު، ސަރުކާރުގެ އަމާޒަކީ ދިވެހިން އަދާކުރާހިތްވާ ވަޒީފާތަކުގެ މެޖޯރިޓީ ކޯޓާ ދިވެހިންނަށް ޚާއްސަކުރުން ކަމަށެވެ. އަދި ސަރުކާރުގެ ޕޮލިސީ އަކީ ދިވެހިން އަދާކުރާހިތްވާ ބޮޑެތި މުސާރަލިބޭ ވަޒީފާތަކަށް ދިވެހިން ގެންދިއުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ އައު ސީޒަނަށް އިތުރު އިންވެސްޓްމަންޓް ތަކެއް ހުޅުވޭނެ ކަމަށް ޤަބޫލުކުރަށްވާ ކަމަށާއި، އެއާއެކު ނުވަހާހެއްހާ ވަޒީފާގެ ފުރުސަތު ތަނަވަސް ވާނެކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ. ނަމަވެސް ހުރިހާ ވަޒީފާތަކަށް އެކަށީގެންވާ ޢަދަދަށް ދިވެހިން ނެތް ކަމަށާއި، އެހެން ކަމުން ދިވެހިން އަދާކުރާހިތްނުވާ ވަޒީފާތަކަށް ބޭރު މީހުން ގެނައުމަށް ސަރުކާރުގެ މައްސަލައެއް ނެތް ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

"މިސާލަކަށް ދިވެހިން ވަރަށް ގަޔާވާ ވަޒީފާއެއް ބަޓްލަރ. މިހާރު ޢާއްމުކޮށް ގެންގުޅޭ ރޭޝިއޯ މި އޮންނަނީ 55 އިންސައްތަ ބިދޭސީން، 45 އިންސައްތަ ދިވެހިން. އަޅުގަނޑުމެން އޭތި ބަދަލުކޮށްލާނީ މުޅިން އަނެއްކޮޅަށް. ޖެނެރަލް ކޯޓާ ކޮންމެ ގޮތަކަށް އޮތަސް ދިވެހިން އަދާކުރާހިތްވާ ވަޒީފާގެ ރޭޝިއޯގެ ކޯޓާ އޮންނާނީ ދިވެހިންނަށް ވަރަށް ބޮޑުތަނުން އިތުރުވާގޮތަށް." ފަރުތުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް އިސްކަން ދެއްވާނެކަން ކަށަވަރުކޮށްދެއްވަމުން ޑރ. މައުސޫމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ޑޮމެސްޓިކް ފަތުރުވެރިކަން ކުރިއެރުވުމަށްވެސް ސަރުކާރުގެ ޕްލޭންތަކެއް އެބަހުރި ކަމަށާއި، އެގޮތުން ރާއްޖޭގެ ރަށްރަށަށް ދަތުރުނުކުރާ ދިވެހިންނަށް ޚާއްސަކޮށް ރަށްރަށަށް ދަތުރުކުރެވޭނެ ފުރުސަތުތައް ތަނަވަސްކޮށްދިނުމުގެ ވިސްނުން ފަތުރުވެރިކަމާބެހޭ ވުޒާރާގައި ހުރި ކަމަށެވެ. އަދި ގެސްޓްހައުސް ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެއީ މުހިއްމު ވިސްނުމެއް ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

ރިސޯޓްތަކުގައި މީގެކުރިން ވަޒީފާ އަދާކުރި ބައެއް މުވައްޒަފުންނަށް ވަޒީފާ ނުލިބިވާ މައްސަލައަށް އަލިއަޅުވާލައްވަމުން ޑރ. މައުސޫމް ވިދާޅުވީ، އެ ފަދަ މުވައްޒަފުންގެ މައްސަލަތައް ޙައްލު ކުރުމަށް ރިޒޯޓްތަކުގެ މެނޭޖްމަންޓް ތަކާ އެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. އަދި މުވައްޒަފުންނާ ފަތުރުވެރިކަމާބެހޭ ވުޒާރާއާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން