ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ޕޮލިސް ބޯޑަށް އާއްމުންގެ ތެރެއިން ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވާލެވޭ ޕޮލިސް ބޯޑަށް، ޢާންމު ރައްޔިތުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމަށްޓަކައި އެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާ ކަމަށެވެ.

ޕޮލިސް ބޯޑަށް ޢައްޔަންކުރެވޭ މެންބަރުންނަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާކުރާ ބަޔަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި ޕޮލިސް ބޯޑަށް ޢައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން 4 އަހަރު ދުވަހެވެ.

ޢާންމު ރައްޔިތުންގެ ތެރެއިން ޕޮލިސް ބޯޑަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، 28 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އިޢުލާނުކޮށްފައެވެ. ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވައިލާ ޕޮލިސް ބޯޑުގެ މެންބަރުކަމަށް އާންމުންގެ ފަރާތުން ހުންނަވާ އެއް މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޙާމިދު ޢަބްދުލްޣަފޫރު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

ޙާމިދު ޕޮލިސްބޯޑަށް ޢައްޔަނު ކުރުމަށް ފާސްވީ މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވި 41 މެމްބަރުންގެ އިއްތިފާޤުންނެވެ. ފުލުހުންގެ ބޯޑަށް ޢާއްމުންގެ ތެރެއިން ދެ މެމްބަރުން ޢައްޔަނުކުރަން ޖެހޭއިރު އެ މަޤާމަށް ދެވަނަ މެމްބަރަކު ނެގުމަށްޓަކައި މިއަދު އިޢުލާނު ކުރަށްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން