އޭސީސީގެ މެމްބަރުން
އޭސީސީގެ މެމްބަރުން
ވެންޓިލޭޓަރުތަކަށް ހެލްތް މިނިސްޓްރީން ފައިސާ ދިނީ ފިނޭންސް މިނިސްޓްރީން ހުއްދަ ނުހޯދާ ކަމަށް އޭސީސީން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީގެ ފަރާތުން ބުނެފައިވަނީ ވެންޓިލޭޓަރުތަކަށް ފައިސާ ދީފައިވަނީ ފިނޭންސް މިނިސްޓްރީން ހޯދަންޖެހޭ އެޑްވާންސް ޕޭމަންޓް ގެރެންޓީ ނުހޯދާ ކަމަށާއި، ނަމަވެސް އެ ހުއްދަ ހޯދުމަށް އޭޖީ އޮފީހުން ހެލްތު މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ޙަވާލުކުރުމުގައި މާލިއްޔަތު ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ނިންމާއެވެ. މި މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގޮތުން ހެލްތު މިނިސްޓްރީގެ 11 މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި 14 އޮކްޓޯބަރ 2020 ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީ އޮފީހުގައި އެދުނެވެ.

ކޯވިޑް-19 އާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ވެންޓިލޭޓަރު ގަންނަން ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ މައްސަލަތަކެއް ހިމެނޭކަން ފާހަގަކުރެވިގެން އޭސީސީން އެމައްސަލަ ބަލައި ދަޢުވާ ކުރުމަށް ފޮނުވި މައްސަލަ ދިރާސާކުރުމަށްފަހު 19 އޮކްޓޫބަރު 2020 ވަނަ ދުވަހު އެ މައްސަލަ ޑިކްލައިން ކޮށްފައިވާ ކަމަށް ނުވަތަ މައްސަލަ ބަލައި ނުގަންނަން ނިންމާފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. ޕީޖީ އޮފީހުގެ ނިންމުން ބިނާވެފައިވަނީ އެ މައްސަލާގައި ނާޖާއިޒް ފައިދާ ލިބުނު ފަރާތްތަކުގެ ކިބައިން އެ ފައިސާ ހޯދުމަށް ބޭނުންވާ ވަރަށް އޭސީސީން ހުށައެޅި ހެކިތަކުން ބުރަދަން ނުލިބޭތީ ކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި އޭސީސީން ބުނީ، ހެލްތު މިނިސްޓްރީން ފައިސާ ޖަމާކޮށްފައިވަނީ ދުބާއީގެ ކުންފުންޏަށް ކަމަށާއި އެކަން ކަށަވަރު ކަމަށެވެ. ނަމަވެސް ފައިސާ ޖަމާކުރުމަށްފަހު ދެން ފައިސާ ނެގި ބައެއް ނޭންގޭ ކަމަށް އޭސީސީން ބުނެއެވެ. އޭސީސީން ބުނީ، މި މައްސަލާގައި އެދިފައިވަނީ، ވެންޓިލޭޓަރތަކަށް ފައިސާދޫކުރުމުގައި އިހުމާލުވި ފަރާތްތަކަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކަމަށެވެ.

އޭސީސީން ބުނީ މި މައްސަލާގައި އަދިވެސް ޕީޖީ އޮފީހާ މަޝްވަރާ ކުރަށްވާނެ ކަމަށާއި، ދަޢުވާ ކުރެވޭނެ އިތުރުގޮތެއް އޮތްތޯ ބައްލަވާނެ ކަމަށެވެ.

ވެންޓިލޭޓަރ މައްސަލައިގެ ތަހުގީގު އޭސީސީން ނިންމައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެންޓިލޭޓަރު ހޯދުމާ ގުޅޭ މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަހުގީގު ކުރި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ކަމަށެވެ. ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ތަހުގީގުގައި ދައުލަތުގެ އެކިއެކި އިދާރާތަކުން 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަހުގީގު ޓީމުން އެނެލައިޒް ކުރި ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީ އިން ބުނީ މައްސަލައާ ގުޅުން ހުރި 36 މީހެއްގެ ބަޔާން ނެގިއިރު، މައްސަލައާ ގުޅުންހުރި އެކި ފަރާތްތަކުގެ ގިނަ އަދަދެއްގެ ބޭންކް އެކައުންޓްތަކާ ގުޅޭ މައުލޫމާތު ހިމެނޭ ކަމަށެވެ. އޭސީސީގެ ބަޔާނުގައި ބުނާގޮތުން އެންމެ ބޮޑު މައްސަލައެއްގެ ފާހަގަކޮށްފައި އޮތީ 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލު ކުރި ގޮތެވެ. އޭސީސީން ބުނީ 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގެ މަސައްކަތް ފެށީ އަމީން ކަމަށާއި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް އައި ކުންފުންޏެއް ކަމަށް ބަލައި އެކަމަށް ކޮންސިޑަކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނަހަދައި، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭތީއާއި، އެއީ އަމީން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަން އެނގޭ ކަމަށެވެ. މީގެއިތުރުން ބިޑް ކޮމިޓީގައި އެ ދުވަސްވަރު ބައިވެރިނުވާ ދެ މެމްބަރަކު ބައިވެރި ކުރުވުމާއި ޕޭމަންޓް ދެއްކުން އަވަސްކުރުމަށް އަމީން މަސައްކަތް ކުރެއްވުމާއި ވެންޓިލޭޓަރުތަކާ ގުޅިގެން ހެލްތު މިނިސްޓްރީން ހިންގާފައިވާ ޕްރޮކިއުމަންޓުގެ ކަންތަކާއި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް އަމީނަށް އެނގިފައިވާ އިރު، އެކަންކަމަށް މަޝްވަރާ ދެއްވާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން