ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ހަސަން މޫސާގެ ޝަރުތު ހަމަނުވާކަމަށްބުނެ، އޭނާގެ ކެންޑިޑެސީ ބާތިލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށައެޅުމުން އޭނާގެ ކެނޑިޑޭސީ ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

ސުޕްރީމްކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ހަސަން މޫސާގެ ކެނޑިޑެސީ ފޯމް ކޮމިޝަނަށް ހުށަހެޅިއިރު ސާބިތު ހަރަދުގެ ގޮތުގައި 86،148.28 ރުފިޔާ ދައްކަން އޮތުމުން އޭނާ އަކީ ކެންޑިޑޭޓެއްގެ ޝަރުތު ފުރިހަމަވާ މީހުން ނޫން ކަން އެނގޭ ކަމަށެވެ.

އެހެންކަމުން ހަސަން މޫސާގެ ކެނޑިޑެސީ ބާތިލް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާ، ހަސަން މޫސާގެ ނަން ކަނޑޫދޫ ކައުންސިލް ރައީސް ކަމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ލިސްޓުގައި ހިމެނުމަށް އެ ކޯޓުން ކުރިން ކުރި އަމުރު ބާތިލުކޮށް، އޭނާގެ ކެންޑިޑެންސީ ގަބޫލުނުކުރުމަށް ކޮމިޝަނުން ނިންމި ނިންމުން ރަނގަޅު ކަމަށްވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ނިންމި މި ނިންމުމާއެކު ކަނޑޫދޫ ކައުންސިލުގެ ރައީސްގެ ގޮނޑި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓު އަޙްމަދު ރީހާނަށްވަނީ ކާމިޔާބުވެފައެވެ. އަދި އޭނާއަށް ގޮނޑި ލިބިފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ޙަސަން މޫސާގެ ސާބިތު ދަރަންޏެއް އޮވެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މައްސަލާގައި އޭނާގެ ކެންޑިޑެންސީ ބާތިލުކޮށް، އޭނާއާއި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް އަޙްމަދު ރީހާން އިންތިޚާބަކާ ނުލައި ގޮނޑި ކަށަވަރު ކުރިކަމަށް މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން އިޢުލާނުކުރިއެވެ. ނަމަވެސް ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރީ އިންތިޚާބާ ބެހޭ ގާނޫނުގައި ބުނާ 48 ގަޑިއިރުގެ ތެރޭގައި ކެނޑިޑެސީ ބަލައިގަތުމާ މެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމުމަށް ފަހުގައި ކަމަށް ވާތީ އެ ނިންމުން ސުޕްރީމް ކޯޓުން ވަނީ މީގެ ކުރިން ބާތިލް ކޮށްފައެވެ.

ސުޕްރީމް ކޯޓުން މިމަހުގެ 23 ވަނަ ދުވަހު ކުރި ޙުކުމުގައި ބުނެފައިވަނީ، އިންތިޚާބާ ބެހޭ ގާނޫނުގައި ބުނާ 48 ގަޑިއިރުގެ ތެރޭގައި ކެނޑިޑެސީ ބަލައިގަތުމާ މެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމާ ފަހުން، އެ ކޮމިޝަނަށް ލިބޭ މައުލޫމާތުތަކަށް ބިނާކޮށް މީހެއްގެ ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައި ކެންޑިޑެސީ ބާތިލްކުރުމަކީ އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމަށް ފަހު ކެންޑިޑެސީ ބާތިލް ކުރެވޭނީ ސުޕްރީމް ކޯޓުގެ ޤަޟާއީ ނިންމުމަކުން ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވެއެވެ.

ސުޕްރީމް ކޯޓުން މިމަހުގެ 23 ވަނަ ދުވަހު ކުރި ޙުކުމްގައި ވަނީ، އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ހަސަން މޫސާގެ ޝަރުތު ފުރިހަމަ ވާކަން ނުވަތަ ނުވާކަން ސުޕްރީމް ކޯޓުން ކަނޑަނާޅާހާ ހިނދަކު ޙަސަން މޫސާގެ ނަން ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓުން އުނި ނުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަންގާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ޙުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ޙަސަން މޫސާގެ ނަން ހިމަނައި އަލުން ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ކެނޑިޑޭޓުންގެ ލިސްޓް ޢާއްމުކޮށްފައެވެ. އަދި އޭނާގެ ކެނޑިޑެސީ ބާތިލުކުރުމަށް އީސީން ސުޕްރީމް ކޯޓަށް ހުށައެޅީ އޭގެ ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން