ޖުމައްޔިލް ނިމާލް. ރޭޕްގެ ތުހުމަތު ކުރެވިފައިވޭ
ޖުމައްޔިލް ނިމާލް. ރޭޕްގެ ތުހުމަތު ކުރެވިފައިވޭ
ފިލްމީތަރި މުހައްމަދު ޖުމައްޔިލް ނިމާލްގެ މައްޗަށް، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އިން އުފުލައިފި އެވެ.

ޖުމައްޔިލްގެ ރޭޕްގެ މައްސަލައަކީ، މީގެ ހަތަރު އަަހަރު ކުރިން 2016 ވަނަ އަހަރު ފެންމަތިވި މައްސަލައެކެވެ. ރާއްޖޭގެ މަޝްހޫރު ފިލްމީތަރި އަޙުމަދު ނިމާލްގެ ދަރި ޖުމައްޔިލް ނިމާލް، އޭނާގެ ދެބެންގެ ދެދަރި ކޮއްކޮއެއް ރޭޕް ކުރި މައްސަލާގައި އެދުވަސްވަރު ޖުމައްޔިލު ހައްޔަރުވެސް ކުރިއެވެ. ނަމަވެސް ޝަރީޢަތަށް ފޮނުވާ ވަރަށް ހެކި ނެތުމުގެ ސަބަބުން އެމައްސަލަ ނުބަލަން ނިންމީ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު އޭރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ޙާދިސާގައި އަނިޔާ ލިބުނު ކުއްޖާ އެމައްސަލަ ޕީޖީ ޝަމީމްގެ ސަމާލުކަމަށް ގެނައުމުން ޖުމައްޔިލްގެ މައްސަލަ އަލުންބަލާ ރިވިއު ކުރުމަށް ޕީޖީ ޝަމީމް ނިންމެވިއެވެ.

ޖުމައްޔިލްގެ މައްޗަށް ދަޢުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް އަދި އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ފަށައިފައެއް ނުވެ އެވެ. އެ މައްސަލާގައި ޖުމައްޔިލްގެ މައްޗަށް ކުރަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދަޢުވާއެވެ.

މީގެ ހަތަރު އަހަރު ކުރިން ހިނގި އެހާދިސާ، އެއަންހެން ކުއްޖާ ވަނީ ޓްވިޓަރ ގައި ހިއްސާ ކޮށްފައެވެ. ވަރަށް ތަފްސީލުކޮށް އޭނާ ކިޔައިދިން މިވާހަކައިގައި ބުނީ، އެއިރު އުޅުނު ދިރިއުޅުން ޖުމައްޔިލު ގެ ސަބަބުން ބިރުވެރި ކަމަކަށް ވެއްޓުނު ކަމަށެވެ. އަދި އެހާދިސާގެ ސަބަބުން ތެރަޕީ ނަގަން ޖެހުނު ކަމަށާއި، އެކަމުގެ ސަބަބުން އޭނާއަށް ބިރުވެރިކަމާއި ހާސްކަމާއި އުނދަގޫތައް ކުރިމަތިވާ ކަމުގެ އިހުސާސް ކުރެވޭ ކަމަށް އޭނާ ބުނެފައިވެއެވެ.

އަދި މިއަދާ ހަމައަށްވެސް އެ މައްސަލައަށް އިންސާފު ލިބިފައި ނުވަނީ އެމައްސަލަ ޕީޖީއަށް ދިއުމުން ބާރުގެ ބޭނުންކޮށްގެން މައްސަލަ އޮއްބާލާފައިވާތީ ކަމަށް އެ އަންހެން ކުއްޖާ ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން