މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
ލޯކަލް ކައުންސިލްތައް އެމްޑީޕީއަށް ލިބިއްޖެނަމަ ރައްޔިތުންގެ ބާރު ކެނޑޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މި ސަރުކާރު ވެރިކަމަށް އައިއިރު ލާމަރުކަޒީ ނިޒާމު އޮތީ ކައުންސިލްތަކަށް މާބޮޑު ބާރުތަކެއް އިހްތިޔާރުތަކެއް ނެތި މުޅިން ގަޑުބަޑުކޮށްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުން މެންބަރު އާދަމް ޝަރީފް ވިދާޅުވީ، މިހާރުވެސް ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އޮތީ އެމްޑީޕީގެ އަތުގައި ކަމަށެވެ.

އެހެންކަމުން ލޯކަލް ކައުންސިލްތައް އެމްޑީޕީއަށް ލިބިއްޖެ ނަމަ ރައްޔިތުންގެ ބާރު ކެނޑި ރާއްޖޭގެ ޑިމޮކްރަސީ ހީނަރުވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އެމްޑީޕީ އަކީ ޖުމްހޫރީ ނިޒާމާއި ބަރުލަމާނީ ނިޒާމު ގަޑުބަޑުކޮށްގެން ވެރިކަން ކުރާ ބައެއް ކަމަށާއި، ކައުންސިލްތައް އެމްޑީޕީއަށް ދީފިނަމަ އެ ނިޒާމުވެސް ގަޑުބަޑު ކުރާނެ ކަމަށެވެ.

"މިހާރު ލާމަރުކަޒީ ނިޒާމު އޮތީ ރައީސް ޞާލިޙާއި، ރައީސް ނަޝީދުގެ ގުޖަޑުގެ ތެރޭގައި ތާށިވެފައި." އާދަމް ޝަރީފް ވިދާޅުވިއެވެ.

"ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް" ހުޅުވުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވީ، ޙަޤީޤީ ލާމަރުކަޒީ ނިޒާމަކުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ބާރުވެރިވެގެން ދިޔައީ، ލާމަރުކަޒީ ޤާނޫނަށް 2019 ވަނަ އަހަރު މި ސަރުކާރުން ހުށަހެޅި އިސްލާޙްތަކާ ގުޅިގެންކަމަށެވެ.

އަދި ރައީސް ވަނީ އެ ބަދަލުތަކާއެކު ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިންތިޚާބުކުރެވޭ މަޤާމުތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެން ދިއުމާއި، އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރެވުމާއެކު، ޤައުމީ ފެންވަރުގައި އެކަންކަމަށް ދެވޭ އަހައްމިއްޔަތުކަން އިތުރުވެގެންދިއުންފަދަ މުހިންމު ބަދަލުތަކެއް އަންނާނެކަންވެސް ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން