ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް (ކ). އާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކުރީގެ ނާއިބު ނާއިފު ޝައުކަތު (ވ)
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް (ކ). އާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކުރީގެ ނާއިބު ނާއިފު ޝައުކަތު (ވ)
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ލިބޭގޮތަށް މީހަކަށް ގޯއްޗެއް ވިއްކި މައްސަލައިގައި ހައުސިންގ މިނިސްޓްރީގެ ނައިބު ނާއިފް ޝައުކަތުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ނެރެފައިވާ ބަޔާނެއްގައި ވަނީ، މާލޭގެ ގޯއްޗެއް ބަހައިގެން އެ ގޭގެ މިލްކުވެރިންގެ ތެރެއިން އެއްފަރާތަށް ލިބިފައިވާ ބިންކޮޅު ދޫކޮށްލުމާ ގުޅިގެން އެ ބިން ގަތުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުޅުވާލުމުން އެ ބިމާ އިންވެގެން އޮތް ބިން ލިބުނު ފަރާތުން އެ ބިން ގަތުމަށް ހުށަހެޅި ނަމަވެސް ސަރުކާރުން އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުން ބިން ލިބިފައިވާ ފަރާތަކަށް ކަމަށެވެ.

މިފަދައިން އެ ބިން ވިއްކުމަށް ނިންމާފައިވަނީ ހައުސިން މިނިސްޓްރީގެ ކުރީގެ ނައިބު ނާއިފު ޝައުކަތާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރ ޙަސަން ވަޙީދު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމުގެ ބޭނުމުގައިކަމަށް ބުނާ މައްސަލަ އޭސީސީން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި 01 އޭޕްރިލް 2021 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން، މި މައްސަލައިގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކުރީގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނާއިބު ނާއިފު ޝައުކަތު (ހ.އަގޮސްޓާ / މާލެ) އާއި، އެ މިނިސްޓްރީގެ އޭރުގެ އެގްޒެކެޓިވް ކޯޑިނޭޓަރ ޙަސަން ވަޙީދު (ދަފްތަރު 12537 / މާލެ)ގެ މައްޗަށެވެ. އެ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 12 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ޙައިސިއްޔަތުން އެފަރާތްތަކުގެ ވާޖިބު އަދާކުރުމުގައި، އެފަރާތްތަކަށް ލިބިފައިވާ ރަސްމީ ޙައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

އޭސީސީން ބުނީ، ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލުގެ ދަށުން، ދެވަނަ ފިޔަވަހީގެ ގޮތުގައި ވިއްކުމަށް އިޢުލާނުކުރި ބިންތަކުގެ ތެރެއިން މާލޭގެ ގޯއްޗަކުން ދައުލަތަށް މިލްކުވެފައިވާ 260 އަކަފޫޓުގެ ދެ ބިމުގެ ތެރެއިން، ޢާތިފާ ޙަސަން (މ.ގުލްސަންޕާގެ / މާލެ) އަށް ތަރިކައިން ބަހައިގެން ލިބުނު ބިމާއި އިންވެގެން އޮތް ބިން ގަތުމަށް، ޢާތިފާ ޙަސަނާއި އެ ގޭގެ އެހެން ފަރާތަކުން ހުށަހަޅާފައިވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. ނަމަވެސް އެބިން ޢާތިފާ ޙަސަނަށް ވިއްކުމަށް ނިންމާ އެކަން އޭނާއަށް އެންގުމަށްފަހު، "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު" އިސްލާޙުކުރަމުންދާތީ ކަމަށްބުނެ، އެ ބިން ޢާތިފާ ޙަސަނަށް ވިއްކުމަށް ނިންމި ނިންމުން މަޑުޖައްސާލާފައިވަނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެއްވެސް ނިންމުމެއް ނެތި ހަމައެކަނި އެ މިނިސްޓްރީގެ އޭރުގެ އެގްޒެކެޓިވް ކޯޑިނޭޓަރ، ޙަސަން ވަޙީދު (ދަފްތަރު 12537 / މާލެ) ސޮއިކޮށް ފޮނުވާފައިވާ ސިޓީއަކުންކަން ލިޔެކިޔުންތަކުންނާއި މައްސަލާގައި ބަޔާން ނަގާފައިވާ ފަރާތްތަކުގެ ބަހުން އެނގޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ބުނީ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު" އިސްލާޙުކުރަމުން ދާތީވެ ޢާތިފާ ޙަސަނަށް ބިން ވިއްކަން ނިންމި ނިންމުން މަޑުޖައްސާލާފައިވާއިރު، އެ ބިން ވިއްކަން އިޢުލާނުކުރި އިޢުލާނުގައި ހުރި އެހެން ހުރިހާ ބިމެއް ވިއްކުން މަޑުޖައްސާލުމެއް ނެތި އެ ބިންތައް ވިއްކުމަށް ޙަސަން ވަޙީދު ސޮއިކޮށް އެކިއެކި ފަރާތްތަކަށް އަންގައި އެ ބިންތައް ވިއްކުމުގެ މުޢާމަލާތުތައް ކޮށްފައިވަނީ ޙަސަން ވަޙީދުގެ ބެލުމުގެ ދަށުން، ޙަސަން ވަޙީދު އިސްވެހުރެކަން ލިޔެކިޔުންތަކުންނާއި މައްސަލާގައި ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮންނާތީވެ، ޢާތިފާ ޙަސަނަށް ވިއްކަން ނިންމާފައިވާ ބިން ވިއްކުން މަޑުޖައްސާލާފައިވަނީ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު" އިސްލާޙުކުރަމުން ދާތީނޫންކަން އޭނާ ޢަމަލުކޮށްފައިވާ ގޮތުން އެނގޭ ކަމަށެވެ.

"ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު" އިސްލާހުކުރުމަށްފަހު، އެ އުޞޫލުގައި ބިން ވިއްކުމަށް ޙައްޤުވެރި ފަރާތެއް ކަނޑައެޅުމުގެ ކުރިން، ވިއްކަން އިޢުނުކޮށްފައިވާ ބިން ހިމެނޭ ގޯތީގެ ބެހެނިވެރިންނާއި، ގޯތީގެ އެންމެހާ ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްފަހު، އެންމެ ޙައްޤުވެރި ފަރާތެއް ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނައިރު، އެ އުސޫލުގައި ބުނާފަދައިން އިސްވެ ދެންނެވުނު ގޯތިން ބިން ގަތުމަށް ހުށަހެޅި ޢާތިފާ ޙަސަނާއި އެ ބިން ގަތުމަށް ހުށަހަޅާފައިވާ އަނެއްފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނުވާކަން ލިޔެކިޔުންތަކުންނާއި ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގޭކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.

އަދި އެ ދެ ފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަކާއި ނުލައި، އެ ބިން ވިއްކަން ނިންމައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނާއިބު ނާއިފު ޝައުކަތު (ހ.އަގޮސްޓާ / މާލެ) ސޮއިކޮށް ސިޓީއަކުން އެކަން ބިން ވިއްކަން ނިންމި ފަރާތަށް އަންގައި އެ ބިން އެފަރާތަށް ވިއްކާފައިވާކަން މައްސަލާގައި ހޯދާފައިވާ ލިޔެކިޔުންތަކުންނާއި ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮންނާތީއާއި، އަދި އެ ބިން އެފަރާތަށް ވިއްކާފައިވަނީ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު" އާއި ޚިލާފަށްކަން ތަޙުޤީޤުގައި ހޯދާފައިވާ ލިޔެކިޔުންތަކުންނާއި، މި މައްސަލައާ ގުޅިގެން ބަޔާން ދިން ފަރާތްތަކުގެ ބަހުން އެނގެން އޮންނާތީއާއި، އެގޮތަށް އެ ދެ ފަރާތުން ޢަމަލުކޮށްފައިވުމުގެ ސަބަބުން އެ އުޞޫލުގެ ދަށުން އެ ބިން ލިބެން އޮތް ހައްޤުވެރި ފަރާތަށް އެ ބިން ނުލިބި އެހެން ފަރާތަކަށް އެ ބިން ލިބިފައިވާކަން ފާހަގަކޮށްފައިވެއެވެ.

އަދި ޙަސަން ވަޙީދާއި ނާއިފު ޝައުކަތު ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ދެ ފަރާތުން އެގޮތަށް ޢަމަލުކޮށްފައިވަނީ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަމާއި، އެ ޢަމަލުތަކުގެ ސަބަބުން ވަކިފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދާދީފައިވާކަން ތަޙުޤީޤަށް ލިބިފައިހުރި ހެކިތަކުން އެނގޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން