ހިޔާ ފްލެޓްތައް
ހިޔާ ފްލެޓްތައް
ރައީސް ޔާމިންގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފުލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތެއްލައި، އެފަރާތްތަކަށް ލިބޭ ފުލެޓުގެ ގުރުއަތު ނެގުން މިހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ބުނީ ބުރާސްފަތި ދުވަހު ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ، ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީން ފްލެޓް ލިބިފައިވާ މީހުންގެ މެދުގައި ކަމަށެވެ.

އެގޮތުން ގުރުޢަތު ނަގާނީ 8 އޭޕްރީލް 2021 (ބުރާސްފަތި) ދުވަހުގެ ހެދުނު 9:00 އިން ފެށިގެން އެޗް10 ކެޓަގަރީ ލިސްޓުގައިވާ އެންމެންގެ ގުރުޢަތު ނަގައިނިމެންދެން ކަމަށާއި، ގުރުޢަތު ނަގާނީ، މި ކެޓަގަރީން ފުލެޓް ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތް ތަކުގެ އައި.ޑީ ކާޑުގެ ނަމްބަރު ތަރުތީބުން ކަމަށް އެޗްޑީސީގެ ބަޔާނުގައިވެއެވެ.

އެޗްޑީސީން ބުނީ ގުރުޢަތު ނަގާނީ ފުލެޓް ނަމްބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހުކަމަށާއި، ގުރުއަތުނެގުން ދަޢުލަތުގެ މީޑިއާ ޕީ.އެސް.އެމުން ލައިވްކޮށް ދައްކަމުން ދާނެ ކަމަށެވެ. އަދި މިދުވަސްވަރަކީ ކޯވިޑްގެ ދުވަސްވަރު ކަމަށްވާތީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެމަތިން ގުރުއަތު ނަގާ ހޯލަށް ދަޢުވަތު ދެވިގެން ވަޑައިގަންނަވާ އޮބްޒާވަރުންނަށް ވަނުމުގެ ފުރުޞަތު ދެވޭނެ ކަމަށެވެ.

ގުރުޢަތު ނަގާއިރު، ނެގުނު ފުލެޓާއި، ފުލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނުން ފެންނާނެ ކަމަށާއި، މީގެ އިތުރުން ފުލެޓް ލިބުނު ފަރާތުން ދެއްވާފައިވާ ފޯނުނަމްބަރަށް އެސްއެމްއެސްއެއް ލިބޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނެފައިވަނީ މި ގުރުއަތަށްފަހު ލިބުނު ފުލެޓްގެ އެގްރީމެންޓްގައި ސޮއި ކުރުމާއި، ފުލެޓްގެ ތަޅުދަނޑި ޙަވާލުކުރާނެ ތާރީހެއް ފަހުން އިޢުލާނު ކުރެވޭނެކަމަށެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓް ލިބުނު މީހުންގެ މެދުގައި ލިބެނީ ކޮން ފްލެޓެއްތޯ ބެލުމަށް ނަގާ ގުރުއަތުލުން ނަގަން ފަށާއިރު، ފަންނީ ކެޓެގަރީގައި ހިމެނޭ ޑޮކްޓަރުންނާއި ނަރުހުންނާއި، ޓީޗަރުންނާއި ސިވިލް ސަރވިސް ކެޓެގަރީން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން، ފްލެޓް ދޫކޮށްލަން ބޭނުންވާ ފަރާތްތަކުން އެކަން އެންގުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން އިއްޔެވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން