މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު
މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު
ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފައި ވޯޓު ލުމަށް މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ގޮވާލައްވައިފިއެވެ.

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުން މިހާރު ކުރިއަށް ދާއިރު ވޯޓުލާން ނިކުންނަ މީހުންގެ ޢަދަދު ނިސްބަތުން ދަށް ކަމަށް އީސީން ވަނީ ބުނެފައެވެ. އީސީން ބުނީ މިއަދު 10:43 އާ ހަމައަށް އިންތިޚާބުގައި ވޯޓުލާފައިވަނީ 44،026 މީހުން ކަމަށެވެ. އެއީ ވޯޓު ލުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ 17 އިންސައްތައެވެ.

ވޯޓުލާން ނިކުންނަ މީހުންގެ ޢަދަދު ނިސްބަތުން މަދުކަމަށް އީސީން ބުނެފައިވާތީ، މޭޔަރ ޝިފާ ވިދާޅުވީ ރައްޔިތުންނަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފައި ވޯޓު ލުމަށް އިލްތިމާސް ކުރަށްވާ ކަމަށެވެ. މޭޔަރ ޝިފާ ވިދާޅުވީ، މާލޭސިޓީ އަށާއި މުޅި ރާއްޖެއަށް މިހާ މުހިއްމު ވޯޓެއްގެ ބޭނުން ރައްޔިތުން ހިފުން ވަރަށް މުހިއްމު ކަމަށެވެ. އަދި ވޯޓުން ހޮވޭ ބޭފުޅުން އިޚްލާސްތެރިވާނެ ކަމުގެ އުންމީދުގައި ވޯޓް ލެއްވުމަށް ޝިފާ ވަނީ ގޮވާލައްވާފައެވެ.

"ހޮވި ވަޑައިގަންނަވާ ކައުންސިލަރުންނާއި މޭޔަރުންގެ އިޚްލާސްތެރިކަން ފެނިގެން ދާނެ ކަމުގެ އުންމީދުގައި ރައްޔިތުން ތިބީ." ޝިފާ ވިދާޅުވިއެވެ.



މިއަދުގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 826 ކެންޑިޑޭޓުން އަދި ޕީޕީއެމްގެ ފަރާތުން 647 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން 609 ކެނޑިޑޭޓުން ވާދަ ކުރާއިރު ޖުމްހޫރީ ޕާޓީން ވެސް 115 ކެންޑިޑޭޓުން ވާދަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން